04 Feb 2022, 21:36
ރިސޯޓު ހަދަން 10 އަތޮޅަކުން 18 ރަށެއް ދޫކުރަން, މިދިޔަ އޮކްޓޯބަރު މަހު ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި ރަށްތަކުގައި ރިސޯޓު ހަދަން ހުޅުވައިލައިފައިވަނީ ދުބާއީ އެކްސްޕޯގެ ތެރެއިން ރާއްޖެ އިން ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.
ރިސޯޓު ހަދަން ހުޅުވާލި ރަށްތައް:
ހއ. މެދަފުށި - 10.90 ހެކްޓަރު.
- ހއ. އަލިދުއްފަރުފިނޮޅު - ތިން ހެކްޓަރު.
- ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު.
- ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު.
- ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު.
- މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު.
- މ. މާއުސްފުށި - 10.40 ހެކްޓަރު.
- ފ. އެނބުލުފުށި - 1.00 ހެކްޓަރު.
- ފ. ޖިންނަތުގައު - 0.89 ހެކްޓަރު.
- ތ. ކާއްޑޫ - 3.9 ހެކްޓަރު.
- ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު.
- ލ. ކަށިދޫ - 3.1 ހެކްޓަރު.
- ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު.
- ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު.
- ގއ. މާރެހާ - 17 ހެކްޓަރު.
- ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު.
- ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު.
މި ރަށްތަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު މި މަހަށް ހަމަވާނެ ކަމަށް ކުރިން ބުނި ނަމަވެސް، ޓޫރިޒަމް މިނިސްޓްރީން މިދިޔަ ހަފްތާގައި ކުރި އިއުލާނެއްގައި ބުނީ އިންވެސްޓަރުންނަށް ހުޅުވައިލައިފައިވާ މި ފުރުސަތުގެ މުއްދަތު އަންނަ މާޗު މަހަށް އިތުރުކޮށްފައިވާ ކަމަށެވެ.
އިއުލާނުކޮށްފައިވާ ރަށްތަކުގެ ތެރެއިން ލ، ގއ، ގދ، އަތޮޅުގެ ރަށްތައް ފިޔަވައި އެހެން ރަށްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ މާޗު މަހުގެ 22 ވަނަ ދުވަހަށެވެ. އެ އަތޮޅުގެ ރަށްތަކުގެ ބިޑު ހުށަހެޅުމުގެ މުއްދަތު ހަމަ ވާނީ މާޗު މަހުގެ 23 ވަނަ ދުވަހުއެވެ.
ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތައަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެއެވެ.