ޑިމޮކްރަސީ ގެނައުމުގައި ނަމުގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އަންނަނީ ޑިމޮކްރަސީއަށް ނުރައްކާ ވާ ފަދަ އަމަލުތައް ކުރަމުން ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ޖަމީލް މިއަދު "ސަން"އަށް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ފެނިގެން ދިޔައީ ޑިމޮކްރަސީއަށް ބީރައްޓެހި، އަދި ޑިމޮކްރެސީއަށް ގެއްލުންވާ ފަދަ އަމަލުތައް ކަމަށެވެ.

ޖަމީލް ވަނީ އިންތިހާބާ ދިމާކޮށް، ސަރުކާރުން ކޯލިޝަންގައި ހިމެނޭ ބައެއް ލީޑަރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

"އިންތިހާބު ބޯމަތިވުމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ނުކޮށްދެވި ހުރި ހުރިހާ ކަމެއް ކޮށްދީފި، ދައުލަތުގެ ތެރެއިން އެކި ގޮތްގޮތުން ބަދަލުދީފި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފި،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މިފަދަ ކަންކަން ހިނގަމުން އަންނަ ނަމަވެސް މި މައްސަލަތައް ބަލަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނެތުމަކީ ކަންބޮޑުވާން ޖެހޭ ފަދަ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ އެމްޑީޕީއާއި ސަރުކާރުގެ އަމަލުތައް ހުރީ ތަހުޒީބީ މުޖުތަމައުގެ ފެނިގެން ނުވާނެ ފަދައިން ކަމަށެވެ.

"މި ލެވެލްއަށް އަސްލު ދިޔައީމަ އަޅުގަނޑުމެން މި ކިޔާ ތަހުޒީބު މުޖުތަމައެއްގެ ހުރިހާ ސިފަތަކެއް ގެއްލި ޑިމޮކްރެސީއަށް ބިރަކަށް ހަގީގަތުގައި ވެގެން މިދަނީ،" ޖަމީލް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެސީގެ ހަޔާތުގައި މިހާތަނަށް ދިވެހިންނަށް އެންމެ ބޮޑު އޮޅުވާލުމެއް އޮޅުވައިލައިފައިވަނީ އެމްޑީޕީން ކަމަށެވެ. އެގޮތުން ޑިމޮކްރެސީގެ ނަމުގައި، އެމްޑީޕީން ކުރަމުން އަންނަނީ ޑިމޮކްރެސީއާ އިދިކޮޅު އަމަލުތަކެއްގެ ގޮތުގައި ޖަމީލް ސިފަކުރެއްވިއެވެ.