12 Mar 2012, 13:41
ގއ. ގެމަނަފުށީ ގައި ފުލުހަކަށް ހަމަލާދިނުމަށް ފަހު އޭނާގެ އެއްބަފާ ދެ ފިރިހެން ކޮއްކޮ އަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ދެބެންގެ ބަންދުގެ މުއްދަތު ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްދީފި އެވެ.
ގެމަނަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ އެ ރަށު ދިލްބަހާރުގޭ ލާންސް ކޯޕްރަލް އިސްމާއިލް ޝަފީގަށް ހަމަލަ ދިނުމަށް ފަހު އޭނާއާ އެއްބަފާ ފިރިހެން ދެ ކޮއްކޮ، އަހުސަން އަބްދުﷲ 24، އާއި އަހުމަދު އަފުސަލް 19، އަށް ވަޅިން ހަމަލާ ދިން މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ތިން މީހެކެވެ. އޭގެ ތެރެއިން ކޯޓުން ރޭ 15 ދުވަސް ބަންދަށް ޖަހައިދިނީ، ފުލުސް މީހާއަށާއި އޭނާގެ ކޮއްކޮއިންނަށް ހަމަލާ ދިން އެ ރަށު ނޫރުއް ސަބާހު، އަހުމަދު ނާދީ ސަލީމާއި އެދުރުގޭ ނިޔާމް މުހައްމަދެވެ. މި ދެމީހުންނަކީ ވެސް އެއްބަނޑު އެއްބަފާ ދެބެންނެވެ.
ދެން މުއްދަތު ޖަހައި ދިނީ މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ގެމަނަފުށީ ކެނެރީގޭ، އަލީމުއްދީނެވެ. އޭނާ ބަންދުގައި ބަހައްޓަން ވިލިގިނގިލީ މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްދީފައި ވަނީ ހަތް ދުވަހެވެ.
ލާންސް ކޯޕްރަލް އިސްމާއިލް އަށް ހަމަލާދިނުމަށްފަހު އަހުމަދު ނާދީ ސަލީމާއި ނިޔާމް މުހައްމަދު ހޮނިހިރު ދުވަހު ގޮސް ތިބީ އަލީމުއްދީނުގެ ގޭގަ އެވެ. އިސްމާއިލްގެ އެއްބަފާ ދެ ފިރިހެން ކޮއްކޮއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލީ އެގޭ ކުރިމަތިން ދަނިކޮށެވެ.
ހަމަލާދީ ޒަހަމްށްލި ދެބެންނަށް އަދިވެސް ފަރުވާ ދެމުން އަންނައިރު މައްސަލައިގެ ތަހުގީގު ފަށައި އެ މައްސަލައިގައި ހިމެނޭ އަލީމުއްދީނުގެ ގޭގެ ތެރެއިން ވަނީ ހަމަލާދިން ވަޅި ފުލުހުން ހޯދާފަ އެވެ. ގެމަނަފުށީގައި މި ހަމަލަ ދިނީ ބާރު ސްޕީޑްގައި ނާދީ ސަލީމް ސައިކަލް ދުއްވާތީ މީހުން ޝަކުވާ ކުރުމުން ލާންސް ކޯޕްރަލް އިސްމާއިލް އޭނާ ހުއްޓުވައިގެން އެކަމާ އައި ގަދަ ރުޅީގަ އެވެ.