04 Feb 2022, 15:09
ރިޔާސީ ބަޔާނުގައި އުންމީދީ، ގިނަ ސިޔާސަތުތަކެއް އިއުލާނު ކުރެވިގެން ގޮސްފިކަމަށް މޯލްޑިވްސް ރިޕޯމް މޫމްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ބަޔާން އިއްވާފައެވެ.
ރިޔާސީ ބަޔާނާ ގުޅިގެން އެމްއާރްއެމް އިން ބުނީ، ބަޔާނުގައި ހިމެނޭ ގިނަ ކަންކަމަކީ، ގިނަ ގޮންޖެހުންތަކަކާ އެކުގައިވެސް އިސްލާހަށްޓަކައި ކޯލިޝަނުން ކަނޑައެޅި ކަންކަން ހާސިލުވާ ނިޝާނެއް ކަމަށެވެ.
އިސްލާމްދީނާއި، ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ބުރުލެެއް އެރި ނުދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިކަމަށްޓަކައި އެމްއާރްއެމް އިން ވަނީ ފަހުރުވެރިކަމާއެކު ބަލައިގަތްފައެވެ.
މީގެ އިތުރުން އެމްއާރްއެމް އިން ބުނީ، ރައީސް ސޯލިހުގެ ސަރުކާރުން ތައުލީމާއި ތަމްރީނަށް ދެއްވަވާ އަހައްމިއްޔަތުކަން ފާހަގަ ކުރާ ކަމަށެެވެ.
އަދިހަމައެޔާއެކު، ނުކުޅަދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރުމަށް ނިންމުމާއި ޕްރައިމަރީ ހެލްތް ކެއާގެ ހިދުމަތް ކަށަވަރު ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު މި އަހަރު މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާތީ، އެމްއާރްއެމް އިން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.
"މީގެ އިތުރުންވެސް ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އެހެން މައްސަލަތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ޑްރަގްގެ މައްސަލައަށް އެކަށޭނަ ހައްލުތަކެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާތީ މި ޕާޓީން އެކަމަށް މަރުހަބާ ކިޔަން،" އެމްއާރްއެމް އިން ބުންޏެވެ.
މީގެ އިތުރުން، ފަންނުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކުގެ ވާހަކަ ރިޔާސީ ބަޔާނުގައި ފާހަގަ ކޮށްފައި ވާތީ، އެމްއާރްއެމް އިން ވަނީ އެކަމަށް ވެސް މަރުހަބާ ކިޔާފައެވެ.