04 Feb 2022, 13:17
ހެޔޮ އަމަލު ކުރާ މީހުން ސުވަރުގެ ވައްދަވާނީ އެމީހަކު ކުރި އަޅުކަމަކާ ގުޅޭ ދޮރުކޮޅަކުންކަން ހަނދާން ކޮށްދެމުން، މިއަދުގެ ހުކުރު ޚުތުބާ، ސުވަރުގޭގެ މަތިވެރި ނިއުމަތްތަކަށް ހާއްސަކޮށްފިއެވެ.
ހުތުބާގައި ބުނީ، މާތް ﷲ އަށް ކުއްތަންވުމަށްޓަކައި، ފަރުޟު އަޅުކަމުގެ އިތުރުން ސުންނަން އަޅުކަންތައް ގިނަކުރަން ވާނެ ކަަމަށެވެ.
"ގިނަގިނައިން ސުންނަތް ނަމާދުކޮށް އުޅުނު މީހަކު ނަމަ، ނަމާދަށް ހާއްސަ ދޮރުކޮޅުން. ޖިހާދުކޮށް އުޅުނު މީހަކު ނަމަ، ޖިހާދަށް ހާއްސަ ދޮރުކޮޅަކުން. ފަހެ، އޭނާއީ ގިނަގިނައިން ރޯދަ ހިފާ އުޅުނު މީހަކު ނަމަ، އައްރައްޔާންއޭ ކިޔުނު ދޮރުކޮޅުން. ފަހެ، އޭނާއީ ގިނަގިނައިން ސޮދަގާތްދީ އުޅުނު މީހަކު ނަމަ، ސޮދަގާތަށް ހާއްސަ ދޮރުކޮޅުން،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، އިންސާނާގެ ދުނިޔަވީ ހަޔާތުގެ މަގްސަދަކީ، ދުނިޔޭގައި ހެޔޮ އަމަލުކޮށް، އާހިރުގައި ސުވަރުގެ ހޯދުން ކަމަށެވެ.
ސުވަރުގޭގައި އަށް ދޮރުކޮޅު ވާ ކަމަށާއި، އެތަނުގައި މަލާއިކަތް ބޭކަލުން، ސުވަރުގެވަންތަވެރިންނަށް އިސްތިގުބާލު ކުރައްވައި މަރުހަބާ ކިޔުއްވާނެކަމަށް ހުތުބާގައި ބުންޏެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ، ސުވަރުގެވަންތަވެރިން ތިބޭނީ ފުރިހަމަ ޒުވާންކަންމަތީގައިކަމަށާއި އެމީހުން މުސްކުޅިވުމެއް، ބަލިކަށިވުމެއް އަދި ވަރުބަލިވުމެއް ހިތްހަމަ ނުޖެހުމެއް ކުރިމައްޗެއް ނުވާނެ ކަމަށެވެ.
ދުނިޔޭގެ ނިއުމަތަކީ ވަގުތީއެއްޗެއް ކަމަށާއި ސުވަރުގޭގެ ނިއުމަތްތަކާ އަޅައި ބަލާއިރު އެއީ އަގެއް ނެތް، މަދު މިންވަރެއް ކަމަށް ހުތުބާގައި ބުންޏެވެ.
ސުވަރުގޭގެ އެންމެ މަތީ ދަރަޖައަކީ ﷲ ތަޢާލާގެ ދީދާރުފުޅު ފެނުން ކަމަށް ހުތުބާގައި ބުންޏެވެ.
ސުވަރުގެ ވަނުމުގެ މަގަކީ އުނދަގޫތަކުން ފުރިފައިވާ މަގެއްކަން ހަނދާން ކޮށްދެމުން، ހުތުބާގައި ބުނީ އެސުވަރުގެ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަން ވާނެ ކަމަށެވެ.