އިނގިރޭސިވިލާތުގެ ނަދަން އަޔަލެންޑުގެ ފަސްޓު މިނިސްޓަރު ޕޯލް ގިވަން އިސްތިއުފާ ދެއްވައިފި އެވެ.

ޕޯލް އިސްތިއުފާ ދެއްވާފައިވަނީ ޔޫރަޕުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމުގެ ސަބަބުން އެ ސަރަހައްދުގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ބުރާސްފަތި ދުވަހު ޕޯލް އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ މިނިސްޓަރަކު އިނގިރޭސިވިލާތާއި ޔޫރަޕުގެ އިއްތިހާދާ ދެމެދު ހަދާފައިވާ އެއްބަސްވުމަކާ ޚިލާފުވުމުންނެވެ.

"މިއަދަކީ އަހަރެންގެ ހަޔާތުގައިވެސް ލިބުނު އެންމެ ބޮޑު އެއް ފަޚުރަކަށް އަލްވަދާއު ކިޔާ ދުވަސް" ޕޯލް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން ޔޫރަޕުގެ އިއްތިހާދު ދޫކޮށްލުމާ ގުޅިގެން ނަދަން އަޔަލެންޑަށް ވަކި ޕްރޮޓޮކޯލެއް ހެދި އެވެ. އެގޮތުން އިންގްލެންޑާއި، ސްކޮޓްލެންޑާއި ވޭލްސް އިން ނަދަން އަޔަލެންޑަށް އެތެރެކުރާ ބައެއް މުދާތައް އިންސްޕެކްޓްކުރަން ޖެހެއެވެ. މިކަމުގެ ސަބަބުން ނަދަން އަޔަލެންޑުގެ ގިނަ ބަޔަކު ވަނީ ނުރުހުންވެސް ފާޅުކޮށްފައެވެ.