03 Feb 2022, 23:47
އެސްޓީއޯގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫ ސިއްހީ މަރުކަޒުގައި ލާނެ ކުލަ އާއި ދަވާދު ހަދިޔާކޮށްފިއެވެ.
ކޮމަންޑޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އަބްދުﷲ މުފީދު "ސަން"އަށް ވިދާޅުވީ އެމަރުކަޒުގެ އެތެރެއާއި ބޭރުގެ ކުލަ އާކުރުމަށް ބޭނުންވާ ކުލައާއި ދަވާދު އެސްޓީއޯގެ ފަރާތުން އިއްޔެ އެމަރުކަޒަށް ހަދިޔާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، މިދިޔަ ހަފްތާގެތެރޭގައި ފެނަކައިން ވަނީ އެ ސިއްހީ މަރުކަޒަށް ހަތަރު އޭސީއާއި ޓީވީއެއް ވެސް ހަދިޔާ ކޮށްފައެވެ.
މުފީދު ވިދާޅުވީ ކުންފުނިތަކުން ދިން އެހީތަކުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
"އަޅުގަންޑުމެން ބޭނުންވަނީ އާ ހިދުމަތްތައް ފައްޓަން. މީހުން ބައިތިއްބާ ވޯޑް އޭސީ ކުރުމަށް ބޭނުންވޭ އަޅުގަނޑުމެން. މި އެހީއާ އެކު އެކަން ވެސް ހާސިލްވީ،" މުފީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޓީވީ ވެސް ބޭނުންކުރެވޭނީ އާންމު ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތައް ޑިސްޕްލޭ ކުރުމަށް ކަމަށެވެ.
"މި ސަރުކާރަކީ ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ސަރުކާރެއް. މީގެކުރިން އެމްބިއުލާންސެއްގެ ގޮތުގައި ވޭނެއް ބޭނުން ކުރިނަމަވެސް މި ސަރުކާރު އައިފަހުން ޕެރަމެޑިކް އެމްބިއުލާންސެއް މި މަރުކަޒަށް ވަނީ ލިބިފައި،" މުފީދު ވިދާޅުވިއެވެ.