03 Feb 2022, 23:13
ނ. އަތޮޅު ސްކޫލްތަކުގެ ދަރިވަރުން ދިވެހި ތާރީޚާއި ސަގާފަތާއި އާދަކާދައަށް ހޭލުންތެރިކުރުވުމުގެ ބައްދަލުވުންތަކެއް ދިވެހި ބަހުގެ އެކެޑަމީ އާއި ނ. އަތޮޅު މަދަރުސާއާ ގުޅިގެން ފަށައިފިއެވެ.
މިއީ ނ. އަތޮޅު މަދަރުސާގެ އިސްނެގުމުގެ މަތިން ދިވެހި ބަހުގެ އެކެޑަމީއާ ގުޅިގެން އެ އަތޮޅުގެ ހުރިހާ ސްކޫލްތަކަށް އެފަދަ މައުލޫމާތުތައް ދިނުމަށް ހިންގާ ބައްދަލުވުންތަކެކެވެ.
"ތުއްރަވާސް"ގެ ނަމުގައި ހިންގާ މި ޕްރޮގްރާމްގައި 2017 ވަނަ އަހަރުން ފެށިގެން ވަނީ އެކި އެކި ސްކޫލްތަކުގެ ދަރިވަރުންނަށް ދިވެހި ތާރީޚާއި ސަގާފަތާއި އާދަކާދައާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފައެވެ.
ނ. އަތޮޅުގެ ސްކޫލްތަކަށް ކުރިއަށްގެންދަނީ "ތުއްރަވާސް"ގެ އަށް ވަނަ ޕްރޮގްރާމެވެ. މިއަދުގެ ޕްރޮގްރާމް ފައްޓަވައިދެއްވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅުގައި ބަހާއި ތާރީޚާ ގުޅޭ މައުލޫމާތު ދަރިވަރުންނަށާއި އާއްމުންނަށް ހިއްސާކުރުމަކީ އެކެޑަމީގެ ފަރާތުން ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރާކަމެއް ކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ އެއީ އެކެޑަމީއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ތުއްރަވާސްގެ 8 ވަނަ ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަނީ
މިއަދުގެ ސެޝަންގައި 512އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަމަށް ދިވެހި ބަހުގެ އެކެޑަމީން ބުންޏެވެ. މިއަދުގެ ސެޝަންގައި މައުލޫމާތު ދެއްވީ ކޮމާންޑް ސާޖަންޓް މެޖާ ޢަބްދުﷲ ސައީދެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވީ ގޮތާ ބެހޭ މައުލޫމާތާއި ކުރީގެ އާސާރީ ތަކެއްޗާއި ތަންތަނާ ބެހޭ މައުލޫމާތު ޢަބްދުﷲ ސައީދު މިއަދު ދެއްވިއެވެ.

ކޮމާންޑް ސާޖަންޓް މެޖަރ ޢަބްދުﷲ ސައީދު، ތުއްރަވާސްގެ 8 ވަނަ ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަނީ
"ރާއްޖެ އިސްލާމްވުމުގެ ކުރިއާއި ފަސް" މި މައުޟޫއަށް މާދަމާގެ ސެޝަންގައި މައުލޫމާތު ދެއްވާނީ ދުނިޔޭގެ ތާރީޚުން މަތީ ތާއުލީމު ހާސިލުކުރައްވާފައިވާ، ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ މުހައްމަދު ދީދީއެވެ. އަދި ހޮނިހިރު ދުވަހުގެ ސެޝަންގައި، ބަސް އުފެދިގެން އައި ގޮތާއި ރާއްޖޭގެ ސަގާފީ ބައެއް އާދަކާތަކާ ބެހޭގޮތުން މައުލޫމާތު ދެއްވާނީ ވިލާ ހައި ސްކޫލްގެ ޓީޗަރު އާތިފާ ޒަކަރިއްޔާއެވެ.

މިފަދަ ސެޝަންތަކުގެ ސަބަބުން އަތޮޅުތެރޭގައި ކިޔަވާ ދަރިވަރުންގެ މައުލޫމާތު މުއްސަދިވެ ތާރީޚާއި ސަގާފަތުގެ ދާއިރާއަށް އެކުދިން ލޯހުޅުވޭނެ ކަމަށް ދިވެހި ބަހުގެ އެކެޑަމީން ބުންޏެވެ.