03 Feb 2022, 21:20
މާލޭގައި ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި ލައްކައަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ވަގަށްނެގި ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދާފައި ވަނީ ތުހުމަތުކުރެވޭ މީހާއާ ގުޅުންހުރިތަނަކުން ކަމަށެވެ. ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށްފައެވެ.
ކަށިމާހިނގުމުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން އެ ފައިސާ ވަގަށް ނެގީ މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 9:40 ހާއިރުއެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނެކެވެ.
އެ މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
އެ ވައްކަން ކުރިއިރުގެ ސީސީޓީވީ ވީޑިއޯ ފުޓޭޖް "ސަން"އަށް ވަނީ ލިބިފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ވައްކަން ކޮށްފައިވަނީ މުށިކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނެކެވެ. އެ މީހާ އެ ސައިކަލް މަތީގައި ގިނައިރުތަކެއް ވަންދެން އިށީނދެ އިނދެފައި ސައިކަލްގެ މަޑިހުޅުވަނީއެވެ. އެއަށް ފަހު ކޮތަޅަކަށް ފައިސާތައް އަޅައިގެން އެ ހިސާބުން ދާއިރު އޭނާ ހުރީ މާސްކްވެސް ނާޅައެވެ.
ސައިކަލްގެ މަޑިދަށުގައި ބަހައްޓާފައިވާ ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާއިރު އެގޮތަށް މަޑިދަށުގައި އަގު ބޮޑު ތަކެއްޗާއި ފައިސާ ނުބަހައްޓަން ފުލުހުން އަބަދުވެސް އިލްތިމާސް ކުރެއެވެ. ސައިކަލްގެ މަޑިދަށުން ވައްކަން ކުރުމާއި ސައިކަލްތައް ވަގަށް ނެގުމަކީ ވެސް މާލޭގައި އާއްމު ކަމެކެވެ.