ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ އެޕެއް ވަރަށް އަވަހަށް ތައާރަފް ކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ "ޝާމިލު އަޑު" މި އެޕަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަޑު ބޭނުންކޮށްގެން ކިޔަވައިދޭން ތައްޔާރުކުރާ އެޕެއްކަމަށެވެ. އަދި އެ އެޕް ހެދުމުގެ މަސައްކަތް މިހާރު ހަލުވި ސްޕީޑެއްގައި ކުރިއަށް ދާކަމަށާއި ވަރަށް އަވަސް މުސްތަގްބަލެއްގައި އެ އެޕް އިފްތިތާހު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކޮށްފައިވާ ކަންތައްތަކަށް ވެސް އަލިއަޅުވައިލެއްވިއެވެ.

އެގޮތުން އަތޮޅުތެރޭ ރަށްރަށުން ތައުލީމު ހޯދުމަށް ހިޖުރަކުރުން ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރުން ކުރި ކާމިޔާބު މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސްކޫލެއް ނެތް ތިން ރަށެއްގައި ސްކޫލު އަޅައި ސެޓެލައިޓު މެދުވެރިކޮށް އެ ސްކޫލްތަކުގައި ކިޔަވާދޭން މިއަހަރު ވަނީ ފަށައިފައެވެ. އެއީ ވ. ތިނަދޫއާއި ބ. ފެހެންދޫ އަދި ވ. ރަކީދޫއެވެ. އެރަށްތަކުގެ ދަރިވަރުން މީގެކުރިން ތައުލީމު ހާސިލުކުރަން އެހެން ރަށަކަށް ދާންޖެހެއެވެ. ނަމަވެސް ސެޓެލައިޓް ސްކޫލާއެކު ހުޅުމާލޭ ރެހެންދި ސްކޫލްގެ ޓީޗަރުން މެދުވެރިކޮށް އެ ތިން ރަށުގެ ދަރިވަރުންނަށް އެކުދިންގެ ރަށުގައި ތިބެގެން މިހާރު އަންނަނީ ކިޔަވައިދެމުންނެވެ.

"ކިޔަވައި ދިނުމުގެ ބައި އެކަންޏެއްނޫން ދަރިވަރުންނަށް ދޭންޖެހޭ އެހެން އިޖުތިމާއީ ގުޅުންތަކާއި ކުޅިވަރުތަކާ އެ ކަންކަން ކުރުމަށް އަޅުގަނޑުމެން ތިބޭނީ އެކުދިން ޕޭރެންޓް ސްކޫލަކާ އެޓޭޗްކޮށްފަ. އެހެންވީމަ އެކުދިން ތާވަލްކުރެވިގެން ވަކި ގަވާއިދަކުން އެ ޕޭރެންޓް ސްކޫލުތަކަށް ޒިޔާރަތްކުރާނެ. އެހެންވީމަ ސްކޫލަކުން އެކުދިންނަށް ދޭންޖެހޭ ހުރިހާ ތަޖުރިބާތަކެއް ސެޓެލައިޓް މެދުވެރިކޮށް ކިޔަވައިދޭ ސްކޫލުތަކުންވެސް ފޯރުކޮށްދެވޭނެ،" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަރުންގެ މުސާރައަށް ހެޔޮ ބަދަލެއް މިއަހަރުގެ ތެރޭގައި ގެންނަވާނެކަން އިއުލާންކުރެއްވުން ތައުލީމީ ދާއިރާއާމެދު ޒުވާނުންގެ މެދުގައި އޮންނަ ކަންބޮޑުވުން ހައްލުވީކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ހުނަރުވެރި ދަރިވަރުން ޓީޗަރުކަމަށް ކުރިމަތިލުމަށް ޑރ. އައިޝަތު އަލީ އެދިވަޑައިގަތެވެ.

"ތައުލީމީ ދާއިރާއަށް ބަލާލާއިރު އަޅުގަނޑުމެންގެ ދާއިރާއަކަށް ބޭނުންވާ ވަރަކަށް މީހުނެއް ނުލިބެ. ނުލިބޭ ސަބަބުތަކެއްވެސް އެބަހުރި. އެއް ސަބަބަކީ ހަމަ އުޖޫރަ ކުޑަވުން. ނަމަވެސް މިއަދު މި ލިބުނު އުފާވެރި ހަބަރާއެކު އަޅުގަނޑުމެންގެ އުންމީދަކީ ހަމަ، ކަމަށް ގާބިލު ކިޔަވައިދޭން މޮޅެތި ބޭބޭފުޅުން މި ދާއިރާއަށް ގުޅިވަޑައިގަންނަވާނެކަން. ދެން އަޅުގަނޑުމެނަށް ދިމާވާއެއް މައްސަލަ އެއީ މުދައްރިސް ކަމުގަ އުޅުއްވާ ބޭފުޅުންވެސް ބޮޑު މުސާރަލިބޭ އެހެން މަގާމުތަކަށް ދިއުން. ނަމަވެސް މުސާރަބޮޑުކުރެވުނީމަ އަޅުގަނޑުމެނަށް އެ ބޭފުޅުން ރީޓެއިން ކުރެވެނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ދާއިރާއަށް ޝައުގުވެރިކަން ހުންނަ ކުދިން ތަމްރީނުކުރުމަށް މަސައްކަތްކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ޕްރިންސިޕަލުން ތަމްރީނުކުރުމަށް 20 ސްކޮލަޝިޕެއް ވަނީ ހުޅުވާލާފައެވެ. މި ސްކޮލަޝިޕަށް 60 މީހުން ކުރިމަތިލި ކަމަށާއި މިހާރު ކުރިއަށްދަނީ ސްކޮލަޝިޕަށް މީހުން ހޮވުމުގެ މަސައްކަތާއި އެމީހުން ކޯހަށް ފޮނުވުމުގެ މަސައްކަތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.