ހިލޭ އަންހެނަކާއި ފިރިހެނަކު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ރައްޓެހިވެގެން އުޅުމޭ ކިޔައެވެ. މިއީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ކަމަކަށްވެފައި ވެއެވެ. ރައްޓެހިވެގެން އުޅޭކަން މީހުންނަށް އެނގޭގޮތަށާއި ނޭނގޭގޮތަށްވެސް ބައެއްމީހުން އެގުޅުން ބާއްވައެވެ. އަދި އެއްފަހަރާ އެތައް މީހުންނަކާ ގުޅިގެން އުޅޭ މީހުންވެސް އުޅޭކަމަށްވެއެވެ. މީގެ އިތުރުން ރައްޓެހިވުމަށްފަހު ރުޅިވެފައި އަނެއްކާ ރައްޓެހިވެފައި މިގޮތަށް އެކަކާ އެތައް ފަހަރަކު ގުޅުން އުފައްދާކަމަށްވެސް ވެއެވެ. މިކަން ކުރާ ގޮތަށް ބަލާއިރު މިއީ އިސްލާމްދީނުގައި މުގައްދަސްކަން ދެއްވާފައިވާ ކައިވެންޏާ އެއްވެސް ގުޅުމެއް ހުރި ކަމެއްނޫނެވެ. މިފަދަ ގުޅުމަކީ ކައިވެނި ކުރާނެކަމަށް ވެވޭ ވައުދެއްނޫނެވެ. އަދި ކައިވެނި ކުރުމުގެ ޝައުގު ފާޅުކުރުމެއްވެސްނޫނެވެ. މިއީ ޒުވާންކަމުގެ އަލާ ފިލުވައިލުމަށްޓަކައި ކޮށްއުޅޭ ކަމެކޭ ބުނެވިދާނެއެވެ. އެހެންކަމުން މިއީ އިސްލާމްދީނާ ބީރައްޓެހި، މުސްލިމުން މުޅިން އެކަމާ ދުރުހެލިވާންޖެހޭ އާދައެކެވެ.

ކައިވެނިކުރުމުގެ ނިޔަތުގައި ދެމީހަކު ގުޅުމަށް އިސްލާމީ ފިގުހުގައި ކިޔަނީ الخِطْبَة (ޚިޠުބާ) އެވެ. މިއީ ކައިވެނިކުރުމުގެ އެދުން ފާޅުކުރުމެވެ. ނުވަތަ ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނުމެވެ. އަންހެނަކު ފިރިހެނަކާ ޚިޠުބާ ކޮށްފައިވަނިކޮށް އެ ޚިޠުބާ އުވައިނުލާހާ ހިނދެއްގައި، އެހެން ފިރިހެނަކަށް އޭނާއާ ޚިޠުބާއެއް ނުކުރެވޭނެއެވެ. ދެމީހަކު ޚިޠުބާ ކޮށްފިނަމަ އެއީ ކައިވެނި ކުރާނެކަމުގެ މައްޗަށް ލިބޭ ޔަގީން ކަމެކެވެ. ޚިޠުބާ ކުރި ދެމީހުންގެ އިތުރުން ދެފަރާތުގެ އާއިލާއަށްވެސް މި ޔަގީންކަން ލިބި، ކައިވެނީގެ ތައްޔާރީތައް ފައްޓާނެއެވެ. މިއީ އިސްލާމްދީނުގައި ހުއްދަ ކަމެކެވެ. ޚިޠުބާ ކުރުމާއި، އެއަށްފަހުގައި ކައިވެނީގެ އަގުދު ކުރުމާ ދެމެދުގައި ހޭދަވާ މުއްދަތުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

ކައިވެނިކުރަން ބޭނުންވާ މީހާއަށް ބެލުން:ކައިވެނިކުރަން ބޭނުންވާ މީހާއަށް ބަލައިލުމަކީ ހުއްދަ ކަމެކެވެ. މިއީ ކައިވެނިކުރުމަށް އިޚުތިޔާރުކުރަން އުޅޭ މީހާ ކަމުދޭތޯ ދެނެގަތުމުގެ ނިޔަތުގައި، އެކަމަށް ހާއްސަކޮށް ބަލައިލާ ބެލުމެވެ. އާދަ ކާދައިގެގޮތުން އެކަކު އަނެކަކަށް ބަލައިލާ ބެލުމެއްނޫނެވެ. މިއީ ފިރިހެންމީހާއަށާއި އަންހެންމީހާއަށްވެސް ހުއްދަ ކަމެކެވެ. ކައިވެނިކުރަން ބޭނުންވާ މީހާއަށް ބަލައިލުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވެއެވެ. މުޣީރަތު ބިން ޝުޢުބާ، އަންހެނަކާ ޚިޠުބާ ކުރައްވަން ބޭނުންފުޅުވި ހިނދު، އެ އަންހެނާއަށް ބެއްލެވިންތޯ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވާލު ކުރެއްވިއެވެ. އަދި ނުބައްލަވާކަމަށް ދެންނެވުމުން، އޭނާއަށް ބަލައިލުމަށް އިރުޝާދު ދެއްވިއެވެ. އަދި އެއީ ދެމީހުންގެ މެދުގައި ކައިވެނީގެ ގުޅުން ދެމިގެން ދިއުމަށް މަގުފަހިވާނެ ކަމެއްކަމަށްވެސް ހަދީސްކުރެއްވިއެވެ.(ތިރުމިޒީ: 1087)

ކައިވެނިކުރަން ބޭނުންވާ މީހާއަށް ބެލުން ހުއްދަވާނީ އައުރައަށް ނުވާ ތަންތަނަށް ބެލުން އެކަންޏެވެ. އަދި ބަލަންޖެހޭނީ ހިތުގައި އެއްވެސް ކަހަލަ ޖިންސީ އެދުންވެރިކަމެއް ނުބާއްވައެވެ. އައުރައަށް ބެލުމާއި އެދުންވެރިކަމާއެކު ބެލުން އެއީ ކައިވެންޏަށް ފަހުގައި ހުއްދަވާ ކަމެކެވެ. އޭގެ ކުރިން އެގޮތަށް ބެލުން ހަރާންވާނެއެވެ.

ދެމީހުން އެކަނި އެކަހެރިވުން:މިއީ އިސްލާމްދީނުގައި ހަރާން ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައި ވެއެވެ. لَا يَخْلُوَنَّ رَجُلٌ بامْرَأَةٍ إلَّا وَمعهَا ذُو مَحْرَمٍ (މުސްލިމް) މާނަ: "އެ ފިރިހެނާއާ ކައިވެނި ހަރާންވާ އަންހެނަކު ނުވަތަ އެ އަންހެނާއާ ކައިވެނި ހަރާންވާ ފިރިހެނަކު އެތަނުގައި ނެތީސް، ފިރިހެނަކު ހިލޭ އަންހެނަކާ އެކަނި އެކަހެރިވެގެން ނުވާނެއެވެ." އަދި ހަމަ މިއާއެކު، ހިލޭ ފިރިހެނަކާއި އަންހެނަކު އެކަނި އެކަހެރިވެއްޖެނަމަ، ތިންވަނަ ފަރާތަކަށް ޝައިތާނާ އެމީހުންނާއެކު ހުންނާނެކަމަށް ހަދީސްކުރައްވާފައިވެއެވެ.(އަޙްމަދު އަދި ތިރުމިޒީ) ވީމާ ކައިވެނިކުރުމަށްޓަކައި ބަލައިލުމުގެ ބޭނުމުގައިވެސް ދެމީހުން އެކަހެރިވެގެންނުވާނެއެވެ. އިންނަން އުޅޭ ދެމީހުން، ފަޅު ގޭގެއާއި ގަސްފާތަކާއި އަނދިރިގަނޑުތަކާއި މީހުންނޫޅޭ ސަރަހައްދުތަކަށް ގޮސްގެންނުވާނެއެވެ. ރަނގަޅު ކަމެއް ކުރަން ބޭނުންވާ ބަޔަކު އެފަދަ ތަންތަނަށް ދާންޖެހޭ ސަބަބެއް އޮންނާނެހެއްޔެވެ؟

ދެމީހުން އެކަނި އެކުގައި ދަތުރުކުރުން:ހިލޭ ދެމީހުން އެކަނި އެކަހެރިވުން މަނާކުރައްވާފައިވާ ހަދީސްގައި އައިސްފައިވެއެވެ. وَلَا تُسَافِرِ المَرْأَةُ إلَّا مع ذِي مَحْرَمٍ (މުސްލިމް) މާނަ: "ކައިވެނި ހަރާންވާ މީހެއްގެ ހާޒިރުގައިމެނުވީ، އަންހެނަކު އެކަނި ދަތުރުކޮށްގެންނުވާނެއެވެ." ވީމާ، އިންނަން އުޅޭ އަންހެން ކުއްޖާގެ މަޙުރަމަކާ ނުލައި އޭނާ ގޮވައިގެން ދެމީހުން އެކަނި ތަންތަނަށް ދަތުރުކުރުން ހުއްދައެއްނުވާނެއެވެ.

އެކަކު އަނެކަކުގެ ގެއަށް ޒިޔާރަތްކުރުން:ހުއްދަ ބޭނުންތަކުގައި، ގޭގެ މީހުންގެ ހާޒިރުގައި އެކަކު އަނެކަކުގެ ގެއަށް ގޮސް އުޅުމަކީ މަނާކަމެއްނޫނެވެ. މިހެން ގޮސް އުޅޭއިރުގައިވެސް އެކަހެރިވުމާއި ނުބައި ނަޒަރުން ބެލުމާއި ބީހުންފަދަ ހުއްދަނޫން އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. މިފަދަ ކަންކަން ކުރާނީ ކައިވެނީގެ އަގުދަށްފަހުގައެވެ.

މުވާސަލާތީ ވަސީލަތްތަކުން ވާހަކަ ދެއްކުން:ކައިވެންޏާ ގުޅޭ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ފޯނުފަދަ ވަސީލަތްތަކުން ދެމީހުން ވާހަކަ ދެއްކުން ހުއްދަވާނެއެވެ. މިކަން ކުރާނީ އެކަމަށް ބޭނުންޖެހޭނަމަ އެ ބޭނުންޖެހޭ މިންވަރަކަށެވެ. މިކަމުގައި ހައްދު ފަހަނައަޅައި ގޮސްގެންނުވާނެއެވެ. އަދި މިގޮތަށް ވާހަކަ ދެއްކުމުގައިވެސް އިސްލާމީ އަޚުލާގީ މިންގަނޑަށް ތަބާވާންޖެހޭނެއެވެ. ރޭގަނޑު ދަންވަރު އެންމެން ނިދައި ފައިހިލަވަޅު އޮބުނީމައި ދެމީހުން ވާހަކަ ދައްކަން ތިބުން ރަނގަޅެއްނޫނެވެ. ބަދު އަޚުލާގީ ވާހަކަތައް އެއްގޮތަކަށްވެސް ދައްކައިގެންނުވާނެއެވެ. މުހިންމު ކަމެއް ނެތަސް ކަމާކަންފަށާ ގުޅައިގެން ވާހަކަ ދެއްކުމުގައި ވަގުތުތައް ދުއްވާލައިގެންނުވާނެއެވެ. އަންހެންމީހާގެ ފަރާތަށް ފިރިހެންމީހާ ލެނބޭ ފަދަ ޒާތްޒާތަށް އަޑު ބަހައްޓައި ތުއިކަމާއެކު ވާހަކަ ދެއްކުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا(އަޙުޒާބު: 32) މާނަ: "... ފަހެ، ތިޔަކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ! (އެއީ) ހިތުގެތެރޭގައި (މުނާފިގު ކަމުގެ) ބަލިމަޑުކަމެއްހުރި މީހަކު ދަހިވެތިވެދާނެތީއެވެ. އަދި ތިޔަކަނބަލުން ރަނގަޅު ބަހުން ބަސްބުނާށެވެ!" މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުންނަށް އައިސްފައިވާ ބަސްފުޅެއްނަމަވެސް މިބަސްފުޅުގައިވާ ހުކުން، ހުރިހައި އަންހެނުންނަށް އާންމުވާނެއެވެ.

ޚިޠުބާ ކުރުމަށްފަހު ކައިވެނި ނުކޮށް ހޭދަކުރާ މުއްދަތު ދިގުދެންމުން:ޚިޠުބާ ކުރުމަށްފަހު ކައިވެނިނުކޮށް ގިނަދުވަސް ވޭތުކުރުމަކީ އެންމެ އެކަށީގެންވާ ކަމެއްނޫނެވެ. މި މުއްދަތު ދިގުވާނަމަ ދެމީހުންގެ ދެމެދުގައި ވާހަކަ ދެއްކުމާއި ފެނިދެނިވުން އިންތިހާއަށް ގިނަވެ ރައްޓެހިކަން ބޮޑުވެގެންގޮސް ނޭދެވޭ ކަންތައްތަކެއްގެތެރެއަށް ހިނގައިދާނެއެވެ. އެއީ އަދި ކައިވެނި ނުކުރާ ބައެއްކަން ހަނދާންނެތި، ކައިވެނިކޮށްގެން ކުރަންޖެހޭ ކަންތައްތައް ކުރެވޭތަން އަތުވެދާނެއެވެ. ވީމާ ޚިޠުބާއަށްފަހު ކައިވެނި ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވިނަމަވެސް އެންމެ ރަނގަޅުވާނީ މާބޮޑަށް ލަސްނުކޮށް ކައިވެނިކުރުމެވެ. ފިތުނައިން ސަލާމަތްވެވޭނީ އޭރުންނެވެ.

ހަދިޔާ ދިނުން:މުސްލިމުންގެ އީދުފަދަ މުނާސަބަތުތަކާ ގުޅިގެން ނުވަތަ އެނޫންގޮތަކަށްވިޔަސް، ޚިޠުބާކޮށްފައިވާ ދެމީހުން އެކަކު އަނެކަކަށް ހަދިޔާ ދިނުމަކީ ހުއްދަ ކަމެކެވެ. މިއީ އާންމު އުސޫލުން އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރުންފަދަ ކަމެކެވެ.

ޖިންސީ މުއާމަލާތެއް ހިންގުން:ހަބަރުދާރެވެ! ޚިޠުބާކޮށް ކައިވެނީގެ އެންމެހައި ކަންތައްތައް ހަމަޖައްސާފައި އޮތަސް، ކައިވެނީގެ އަގުދު ކޮށްފުމަށްދާންދެން ތިޔައީ "ހިލޭ ދެމީހުން" ނެވެ. އެކަކު އަނެކަކުގެ ގައިގައި އަތްލުން މަނާވާނެއެވެ. ޖިންސީ މުއާމަލާތެއް ހިންގުން އަމުދުން ހުއްދައެއްނުވާނެއެވެ. އެއްގޮތެއްގައި ޒިނޭކުރުމެވެ. އަނެއްގޮތެއްގައި ބަދު އަޚުލާގީ އަމަލެއް ހިންގުމެވެ. މިއީ ހައްތަހާވެސް އަދަބު ކަނޑައެޅިފައިވާ ހަރާން ކަންތަކެވެ.

މައިންބަފައިންނަށް ދޭ ނަސޭހަތް

ތިޔަ ފަރާތުން ނުހަނު ލޯތްބާއެކު ބަލާ ބޮޑުކުރާ ދަރިން ނުބައިމަގުން ދިޔަނުދީ ހިފަހައްޓާށެވެ. ރައްޓެހިވެގެންނޭ ކިޔައިގެން އެ އުޅޭ ދެކުދިން، އިނދެގެން އުޅޭމީހުންފަދައިން އުޅުނަ ނުދޭށެވެ. ދެމީހުން އެކަނި ތަންތަނަށް ދިޔަދީގެން ނުވާނެއެވެ. އޮފީހަށާއި ކޮލެޖަށް ލާން އަންހެން ދަރިފުޅު ހިތާވެގެން އުޅޭ ސޮރާއެކު ނުފޮނުވާށެވެ. ތިޔަ މަންމައާއި ބައްޕަގެ ލޯ ކުރިމަތިން އައިސް ދެމީހުން ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލާއިރު... ކޮންމެވެސް އެއްޗެއް ހިތަށް އަރަންވާނެއެވެ. ދުލުން ބަހެއް ބުނެވެންވާނެއެވެ. އެވަރުން ނުހުއްޓިނަމަ އަތުގައި ހިފައިގެން ނެރެވެންޖެހޭނެއެވެ. ކޮންމެ މީހަކީވެސް މަސްއޫލިއްޔަތުތަކެއް ހަވާލު ކުރެވިފައިވާ މީހެއްކަމަށާއި އެކަންކަމާ މަސްއޫލުވާންޖެހޭނެކަމަށް ހަދީސްގައި އޮވޭނޫންހެއްޔެވެ؟(متفق عليه) އަދި އަމިއްލަ ނަފުސާއި އެމީހެއްގެ އަހުލުވެރިން ނަރަކައިން ސަލާމަތް ކުރުމަށް އަންގަވާފައި އޮވޭނޫންހެއްޔެވެ؟(ތަޙްރީމު: 6) ވީމާ ތިޔަ މަންމައާއި ބައްޕަގެ ބެލުމުގެ ދަށުގައިވާ ކުދިން އެގޮތަށް އުޅެން ދޫކޮށްނުލައްޗެވެ. ދަރިން ދެކެ ހަގީގީ ލޯބިވާކަމަށްވާނީ އޭރުންނެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ލިބޭނީވެސް އޭރުންނެވެ.