03 Feb 2022, 20:21
ޔޫތް ޗެމްޕިއަންޝިޕްގައި މިއަދު ހަވިރު ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށް ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ޔުނައިޓެޑް ވިކްޓަރީ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ޔޫވީން ކާމިޔާބުކުރީ 2-0 އިންނެވެ.
މި ދެ ޓީމު މިއަދުގެ މެޗަށް ނިކުންއިރު ޓީސީ އޮތީ ދެ މެޗުން މޮޅުވެ ސެމީ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފައެވެ. ސެމީން ޖާގައެއް ހޯދަން ޔޫވިއަށް ބޭނުންވީ ޕޮއިންޓެކެެވެ. ނަމަވެސް މޮޅަށް ކުޅެ ޓީސީ ބަލިކޮށް ޔޫވީ އިން ސެމީއަށް ދަތުރުކުރީ ގްރޫޕް ބީގެ އެއް ވަނަ ހޯދައިގެންނެވެ.
މި ގުރޫޕްގައި ޔޫވީއަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ގުރޫޕްގެ ދެ ވަނައިގައި ޓީސީ އޮތީ ތިން މެޗުން ލިބުނު ހަ ޕޮއިންޓުންނެވެ. ތިން ވަނައިގައި މަހިބަދޫ އެއް ޕޮއިންޓާއެކު އޮތްއިރު، ވެލެންސިއާއަށް ޕޮއިންޓެއް ނުލިބެއެވެ. މި ދެޓީމުވެސް ވަނީ މުބާރާތުން ކަޓާފައެވެ.
މެޗުގެ ތިން ވަނަ މިނިޓްގައި އަހުނަފް މުހައްމަދު ތަސްނީމް ފޮނުވާލި ހިލޭ ޖެހުމަކުން ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު އަލީ ޝައިބާން އަތުގައި ޖެހިފައި ބޯޅަ ނިކުތެވެ. އެ ބޯޅަ ގޯލަށް ފޮނުވާލަން ޓީސީގެ ކުޅުންތެރިންނަށް ފުރުސަތު ލިބުނު ނަމަވެސް އޭގެ ބޭނުމެއް ނުހިފުނެެވެ.
ޓީސީން ފުލުފުލުގައި ހަމަލާތަކެެއް އުފައްދަމުން ދަނިކޮށް ޔޫވީން ލަނޑެއް ޖަހައި ލީޑު ނެގިއެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޔޫވީގެ އަބްދުއް ރަހުމާން ތިބްޔާން އަލީ ސައީދު ވަނީ ޔޫވީގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އޭނާ މިލަނޑު ޖެހީ ޓީސީގެ ޑިފެންސަށް ހެދުނު ގޯހަކުންނެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ޔުނައިޓެޑް ވިކްޓަރީއާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ފުރަަތަމަ ހާފް ނިމެން ދަނިކޮށް ޔޫވީއަށް ލަނޑު ޖަހައި ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ޔޫވީގެ ތިބްޔާން އެ ޓީމުގެ ޒައިޝާން އަޝްރަފަށް ދިން ބޯޅަ ހިފައިގެން އޭރިއާތެެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރު ޔޫސުފް ޔުނާން އާމިރު ވަނީ މަތަކޮށްފައެވެ.
ދެވަނަ ހާފު ފަށައިގެން ވެސް ޔޫވީއަށް އިތުރު ލަނޑެެއް ޖަހާނެ ރަނގަޅު ފުރުސަތެއް ވަނީ ލިބިފައެވެ. ޔޫވީގެ ތިބްޔާން ޓީސީގެ ގޯލަށް ފޮނުވާލި ހަމަލާ ޓީސީގެ ކީޕަރު ޔުނާން މަތަކުރިއެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ތިބްޔާން ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު އަލީ މީސާގް އީސާ ވަނީ ޓީސީގެ ގޯލަށް ފޮނުވާލައިގެން ޔޫވީގެ ދެ ވަނަ ލަނޑު ޖަހައިދީފައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔޫވީގެ ޖާޒީ ނަންބަރު 25، އައިހަމް ސައީދެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ވެލެންސިއާ އަދި މަހިބަދޫއެވެ.