12 Mar 2012, 10:27
އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން "ޑިމޮކުރަސީ ސައްލާއެއް"ގެ ނަމުގައި ރޭ ލޮނުޒިޔާރަތްކޮޅުގައި ހަރަކާތެއް ހިންގައިފި އެވެ.
އިދާރީ ގޮތުން ރާއްޖެ ބަހާ ލެވިފައިވާ 77 ދާއިރާ ތެރެއިން ކޮންމެ ދާއިރާއަކުން ތިން އަންހެނުން ބައިވެރިކޮށްގެން ކަމަށް ބުނެ، ރޭ ކުރިއަށް ގެންދިޔަ "ޑިމޮކުރަސީ ސައްލާ"ގައި ޑރ. ވަހީދުގެ ސަރުކާރާ ބެހޭ ގޮތުން އެ ދާއިރާތަކުގެ ފަރާތުން ދެކޭ ގޮތް ބައިވެރިން ވަނީ ހުށަހަޅައިފަ އެވެ.
މި "ސައްލާ" ފެށުމުގެ ގޮތުން އެމްޑީޕީގެ އިސް ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސިޔާސީ ކަމަކާ ގުޅޭ ގޮތުން އަންހެނުންތަކެއް މިހާ ގިނަ އަދަދަކަށް ބައިވެރިވެ "ސައްލާ"އެއް ކުރި މިއީ ފުރަތަމަ ފަހަރު ކަމަށް ވާތީ އެކަމާ އުފާފުޅު ކުރައްވާ ކަމަށެވެ. އަދި އަންހެނުންގެ ދައުރުވީ ވަރަކުން އިތުރުކުރަން ޖެހޭ ކަމުގައި ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ގޮތަށް ކުރިއަށް ގެންދިޔަ އެ ސައްލާގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ކުރީގެ ޗެއާރާޕާސަން މާރިޔާ އަހްމަދު ދީދީ އެވެ. އަދި އެ ސައްލާގެ ބައިވެރިން ކުރަމުންގެން ދިޔަ ސުވާލުތަކަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް ހުސެއިން ރަޝީދު އަހްމަދާއި ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފުގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓް ސެކެޓްރީކަން ކުރެއްވި ހިސާން ހުސެއިން ވަނީ ޖަވާބު ދެއްވައިފަ އެވެ.
އެމްޑީޕީ "އަންހެނުންގެ ރޫހުން" ބުނީ ރޭ ބޭއްވި ސައްލާގެ އެއްބައި މިއަދު ހެނދުނު ކުރިއަށް ދާނެ ކަމާށާއި އެހެން ނަމަވެސް ޑިމޮކުރަސީ ސައްލާ ހަރަކާތުގެ އާ ބުރެއް ދެން އޮންނާނީ ގދ. ތިނަދޫގައި ކަމަށެވެ.