ކޮވިޑް-19 ޖެހިގެން މި މަހު ތިންވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ މީހަކު މިއަދު މެންދުރު 2:05 ގައި މަރުވެފައިވާކަމަށެވެ.

އެޗްޕީއޭއިން ބުނީ އެއީ 72 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މި ބަލީގައި އިއްޔެ ވަނީ 83 އަހަރުގެ ފިރިހެނަކު މެރުވެފައެވެ. އޭނާ މަރުވީ ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ސްރީލަންކާގެ އުމުރުން 73 އަހަރުގެ ފިރިހެނަކު ވެސް ވަނީ މަރުވެފައެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 280އަށް އަރައިފައެވެ.

ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓު ފެތުރި، ރާއްޖެއިން ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު މިދިޔަ މަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން 2،142 މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 771 މީހަކު ހިމެނެއެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދަކީ 17،721އެވެ. އޭގެ ތެރެއިން 62 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައެވެ.