03 Feb 2022, 21:03
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްދު ޞާލިހުގެ ގައިގޮޅުގައި ސްލެޕެއް އެޅުމަށްފަހު އެހެންމީހަކު ހޮވައިފިނަމަ ދާއިރާއަށް އަންނާނެ ތަރައްގީއަށް ދެން ވާނެ ގޮތް އަމިއްލައަށް ވިސްނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ފަރާތުން ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވާ މުހައްމަދު ރާޝިދަށް ތާއީދު ހޯދުމުގެ ގޮތުން ކޮމަންޑޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ވެސް ކެންޑިޑޭޓް ނަންބަރު އެކަކަށް ވޯޓު ދިނުމަކީ ކޮންމެހެން ކުރާން ޖެހިއްޖެ ކަމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ދާއިރާގެ ތަރައްގީއާއި ކުރިއެރުމަށް ވެސް ނުހަނު މުހިއްމު ކަމެއް ކަމަށެވެ.

މުހައްމަދު ރާޝިދު (ކ) އާއި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް (ވ) އަދި ރައީސް ސޯލިހް (ވ) --
"މިއަދު އެމްޑީޕީގެ މޫނުގަ. އެމްޑީޕީގެ މޫނެއް ނުހުންނާނެ. ނަމަވެސް ސިފަ ކުރާ ކަމަށް ވާނަމަ އެމްޑީޕީގެ މޫނުގަ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ގައިކޮޅުގައި ސްލެޕެއް އަޅާފައި އެހެން މީހަކު ހޮވީމަ ދާއިރާއަށް އަންނާނެ ތަރައްގީއަށް ދެން ވާނެ ގޮތް އަމިއްލަފުޅަށް ވިސްނާވަޑައިގަންނަވާ،" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މިމަހުގެ ފަސްވަނަ ދުވަހު ބާއްވާ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދޭންވީ ދައުލަތުގެ ކުރިއެރުމަށާއި ރައްޔިތުންނަށް ބޭނުންވާ މަދަދާއި އެހީތެރިކަން ހޯދުމުގައްޔާއި އަދި އެނޫންވެސް އެތައް ކަމަކަށް މަގުފަހި ވެގެންދާނެ ސަބަބަކަށް ވާތީ ކަމަށެވެ.
"ކެންޑިޑޭޓް ނަންބަރު އެކަކަށް ވޯޓު ދިނުން އެއީ ދުނިޔެވީ ގޮތުން ބަލާއިރު ވާޖިބެއް ކަމުގައި ނޫނީ އަޅުގަނޑު ދުނެކެން. އަޅުގަނޑުވެސް މިތަނަށް އައިސް މި ހުރީ އެހެން ވެގެން އިނގޭތޯ،" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އެވަގުތަކު އޮންނަ ސަރުކާރަކަށް ރައްޔިތުންގެ އެއްބާރުލުން އޮތްކަން ދެއްކުމަކީ ފައިސާ ދޭ ފަރާތްތަކަށާއި އަދި ލޯނު ދޭ ފަރާތްތަކުން ވެސް އެހީތެރިވުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.

އެމްޑީޕީން ށ. ކޮމަންޑޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގެ ތެރެއިން: ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް (ކ) އާއި މަޖިލީސްގެ ރައީސް މުހައްމަދު ނަޝީދު )(ވ) އަދި ރައީސް ސޯލިހް (ވ) ---
އެމަނިކުފާނު ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް ކޮށްދޭން ވައުދު ވެފައިވާ ހުރިހާ ކަމެއް ވެސް ހިނގަމުންދާ މަންޒަރު ފެންނަން ފަށައިފި ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑުގެ ސަބަބުން މުޅި ދުނިޔެ ބަނަވެފައިވާ މިފަދަ ދަނޑިވަޅެއްގައި ވެސް މަސައްކަތްތައް ހިނގަމުންދާލެއް ފުރިހަމަ ކަމުގެ ވާހަކަ އެހާ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ނުދެއްކޭނެ ކަމަށެވެ.
މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި، އިއްވި ރިޔާސީ ބަޔާނަށް ތައުރީފް ކުރައްވައި ޤާސިމް ވިދާޅުވީ އެ ބަޔާނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި މިހާތަނަށް ހުންނެވި ބޭފުޅަކު އިއްވެވި އެންމެ ފުރިހަމަ ރިޔާސީ ބަޔާންތަކުގެ ތެރެއިން އެއް ބަޔާން ކަމަށެވެ. އަދި ވިދާޅުވީ އެކަމަށް ޓަކައި ފަށްފަށުން ރައީސަށް ޝުކުރާއި މަރުހަބާ ދަންނަވާ ކަމަށެވެ.