03 Feb 2022, 16:25
ށ.މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކޮށް އީޕީއޭ އިން އާންމުކުރި ރިޕޯޓު ގަވާއިދަށް ނުފެތޭކަމަށް ޑްރެޖިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް) އިން މިއަދު ބުނެފިއެވެ.
އެ ޖަމިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ 2012 ވަނަ އަހަރު އެކުލަވާލެވުނު އީއައިއޭ ގަވާއިދާ ފުށުއަރާ އެތައް ކަމެއް އެ ރިޕޯޓުގައި އެބަ ހުރި ކަމަށެވެ.
ރިޕޯޓުގައި ހުރި އެންމެ ބޮޑު މައްސަލައެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވަނީ ޓެކްނިކަލް މައްސަލަތަކެވެ. އެގޮތުން އެ ސަރަހައްދުގައި ރާޅުތަކުގެ ހަރަކާތް ހުންނަ ގޮތް (ވޭވް ޑައިނަމިކްސް) އެ ރިޕޯޓުގައި ބަޔާންކޮށްފައި ނެތްކަން ޑްރެޖިން އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
މީގެ އިތުރުން ބިން ހިއްކުމަށްޓަކައި ނެގޭ ވެލި ކޮމަންޑޫގެ އުތުރުން ނެގުމަށް އިތުރު ރިޕޯޓެއް އެކުލަވާލެވޭނެ ކަމަށް އީއައިއޭގައިވާ ކަމަށާއި ނަމަވެސް މަޝްރޫއު ފެށުނު އިރު ވެލި ނަގަމުން އަންނަނީ ރ. އަތޮޅުން ކަމަށް ވެސް އެ އެސޯސިއޭޝަނުން ފާހަގަ ކުރެއެވެ.
އެ ޖަމިއްޔާއިން ބުނީ މިހާރު ވެލިނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ ރ. އުނގޫފާރުގެ ބިން ހިއްކުމުގެ މަޝްރޫއު ހިންގުމަށްޓަކައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިރާސާ ކުރެވުނު ސަރަހައްދެއް ކަމަށެވެ.
އެ ސަރަހައްދުން ވެލި ނެގުމުގެ ހުއްދަ ދިނުމަށް އިތުރަށް އެކުލަވާލި އީއައިއޭ ރިޕޯޓަކީ އިތުރު ދިރާސާތަކެއް ކުރުމެއް ނެތި، ހަމައެކަނި މިދިޔަ އަހަރުގެ ހޯދުންތަކަށް ރިއާޔަތް ކޮށް އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށް ވެސް ޑީއޭއެމުން ބުނެއެވެ.
ޑްރެޖިން އެސޯސިއޭޝަނުން ބުނީ އީއައިއޭ ރިޕޯޓުތަކުގައި ހުންނަން ޖެހޭ މައުލޫމާތު ނުހިމެނޭ ރިޕޯޓެއް ބަލައިގަތުމުގެ ފުރުސަތު އީޕީއޭއަށް ލިބިގެންނުވާ ކަމަށެވެ.
ވަކި ކަމެއް ޝަރުތުކޮށް ރިޕޯޓު ބަލައިގަތުމަކީ ވެސް ގަވާއިދުގެ ދަށުން އީޕީއޭއަށް ލިބިގެންވާ އިހްތިޔާރެއް ނޫންކަން ވެސް އެ ޖަމިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މަތިކޮމަންޑޫގެ ބިން ހިއްކުމަށް ރ. އަތޮޅުން ވެލިނަގާ މައްސަލައިގައި އެ އަތޮޅު ކައުންސިލުގެ ރައީސް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޖުމްލަ 264 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަތިކޮމަންޑޫގެ ބިން ހިއްކުމާއި، ކޮމަންޑުއާއި އެ ރަށް ގުޅުވާލުމުގެ މަޝްރޫއަކީ މި އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއެއް ނޫނެވެ.
މިއީ އެ ދާއިރާގެ މަޖިލިސް ގޮނޑީގެ ބައި އިލެކްޝަނާ ދިމާކޮށް، ނުފޫޒު ފޯރުވުމަށް ހިންގޭ މަޝްރޫއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.