އިދްލިބް (3 ފެބްރުއަރީ 2022): ސޫރިޔާގެ އުތުރަށް ގަވައިދާ ޚިލާފަށް ވަދެގެނެގެން އުޅޭ އެމެރިކާގެ ސިފައިންގެ ޚާއްސަ ޔުނިޓަކުން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް 12 މީހުން މަރާލައިފިއެވެ.

ސޫރިޔާގެ އިރުއުތުރުގައި ހުންނަ އަލްޖަޒީރާގެ މުރާސިލު ބުނިގޮތުގައި އެމެރިކާ ސިފައިންގެ ޚާއްސަ ޔުނިޓަކުން މި އޮޕަރޭޝަން ހިންގީ އިދްލިބްގައި ގައި ހުރި ގެއެއްގެ ކައިރިއަށް ވައިކުޑައިން ފާބައި އެގެއަށް ވަރުގަދަ ހަމަލާތަކެއް ދީގެންނެވެ. މި ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް 12 މީހުން މަރުވިކަމަށާއި އެމެރިކާ ސިފައިން ވަނީ އެގެއާއި އެގެ ހުންނަ ސަރަހައްދު ވަށާލާފައި ކަމަށްވެސް މުރާސިލު ބުނެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވަނީ ޓެރަރިޒަމާ ދެކޮޅަށް ސޫރިޔާގެ އިރުއުތުރުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގިކަމާއި އެއޮޕަރޭޝަން ކާމިޔާބު ކަމަށް ސިފަކޮށް ބަޔާނެއް ނެރެފައެވެ. ޓެރަރިޒަމަކީ އެމެރިކާގެ މަސްލަހަތާ ދެކޮޅަށް ހަރަކާތްތެރިވާ ޖަމާއަތްތަށް ސިފަކުރުމަށް އެމެރިކާ ބޭނުންކުރާ ސިޔާސީ ބަހެކެވެ.

ސޫރިޔާގެ ލޯކަލް މަސްދަރުތައް ބުނާގޮތުން ސޫރިޔާގެ އުތުރަށް ގަވައިދާ ޚިލާފަށް ވަދެގެނެގެން އުޅޭ އެމެރިކާގެ ސިފައިންގެ ޚާއްސަ ޔުނިޓަކުން ހިންގި އަސްކަރީ އޮޕަރޭޝަންގައި ހަތް ކުޑަކުދިންނާއި ތިން އަންހެނުންނާއި ދެ ފިރިހެނުން މަރުވިއެވެ. މި އޮޕަރޭޝަން ހިންގީ އިދްލިބްގެ ދެ ސަރަހައްދު ކަމަށްވާ އަތްމާ އާއި ދީރުބަލޫތް ގެ މަތިން އުދުހުނު އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރަކުން ވައިކުޑައިން ފޭބި ސިފައިންނެވެ.

ހަމަލާތައް ދިނީ އަތްމާގައިވާ ގެއެއްގައި ތިބި ހަނގުރާމަވެރި ބަޔަކަށް އަމާޒުކޮށްގެން ކަމަށާއި އެގޭގައި އަންހެނުންނާއި ކުޑަކުދިން ތިބި ނަމަވެސް ހަނގުރާމަވެރިން މަރާލުމުގެ ބޭނުމުގައި އަންހެނުންނާއި ކުޑަކުދިންނާއެކު ހަނގުރާމަވެރިންވެސް މަރާލީ ކަމަށް ސޫރިޔާގެ ލޯކަލް ފަރާތްތަކުން ބުނެއެވެ.

އެމެރިކާއަކީ އެމެރިކާ ބޭނުންވާ މަގްސަދު ހާސިލް ކުރުމަށްޓަކައި އާންމުން މެރުމަށްވެސް ކުޑަކޮށްވެސް ފަސްނުޖެހޭ ގައުމެކެވެ. އަފްޣާނިސްތާނަށް އެމެރިކާ އަރައިއޮތް ދުވަސްވަރުވެސް އެމެރިކާ ސިފައިންވަނީ އަފްޣާން އާންމުންގެ އެތައް ލައްކަ ބަޔަކު އެއްވެސް ހައްގަކާނުލައި މަރާފައެވެ. އަފްޣާނިސްތާނަށް ދޭ ހަމަލާތަކުގައި އަފްޣާން އާންމުން މަރުވާކަމަށާއި އަދި އެކަން ސިއްރުކުރާ ކަމަށްވެސް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ބަޔާންތަކުގައި ފަހުން ބުނެފައިވެއެވެ.

ސޫރިޔާގެ އުތުރަށް އެމެރިކާ ސިފައިން އަރައިތިބެނީ ސޫރިޔާ ސަރުކާރުގެ ހުއްދައަކާނުލައި ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށެވެ. އެހެންކަމުން ސޫރިޔާ ސަރުކާރުން ވަނީ އެމެރިކާ ސިފައިން ފޭބުމަށް އދ.ގެ މަހްފަލްތަކުގައި ތަކުރާރުކޮށް އެމެރިކާއަށް ގޮވާލާފައެވެ. ސޫރިޔާގެ އުތުރުގައި އެމެރިކާ ސިފައިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައިވެސް ސޫރިޔާގެ އާންމުންގެ އެތައް ސަތޭކަ ބަޔަކު މަރުވެފައިވާކަމަށް މިދިޔަ އަހަރު އެމެރިކާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވާ ކުރުދީ ޓެރަރިސްޓް ޖަމާއަތްތަކަށާއި އަދި ސޫރިޔާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ބާޣީ ޖަމާއަތްތަކަށްވެސް އެހީތެރިވާ މައިގަނޑު ގައުމަކީ އެމެރިކާއެވެ. ސޫރިޔާގެ ވެރިކަން ވައްޓާލަން އެމެރިކާ އަޑީގައި އޮވެގެން މި ޖަމާއަތްތައް ލައްވައި ކުރުވި ހަނގުރާމައިގެ ސަބަބުން ސޫރިޔާ އެއްކޮށް ހަލާކުވެ ސުންނާފަތިވެ މިލިޔަނެއްހާ ސޫރިޔާ ރައްޔިތުން މަރުވެ 10 މިލިޔަން ސޫރިޔާގެ ރައްޔިތުންވަނީ ރެފިއުޖީންނަށް ވެފައެވެ.

ނަމަވެސް ރަޝިއާއާއި އީރާނާ އަދި ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ސީދާ ގޮތެއްގައި އެ ހަނގުރާމައިގެ ތެރެއަށްވަދެ އެެމެރިކާގެ މަދަދު ލިބޭ ސޫރިޔާގެ ބާޣީ ޖަމާއަތްތަކާއި ސޫރިޔާއަށް ވަދެގަތް އައިއެސް ޖަމާއަތް ފަދަ ޓެރަރިސްޓް ޖަމާއަތްތައް ބަލިކޮށްފައެވެ.