03 Feb 2022, 13:35
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ށ. ކޮމަންޑުއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅެކެވެ.
ކޮމަންޑޫ ކައުންސިލުގެ ރައީސް މުހައްމަދު ސިނާން "ސަން"އަށް ވިދާޅުވީ މި ދަތުރުފުޅުގައި ދެ ރައީސުން ދާއިރާގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަދައްކަވާނެ ކަމަށެވެ.
މިދިޔަ މަހުގެ 23ވަނަ ދުވަހު ވެސް އެ ދެ ބޭފުޅުން އެ ދާއިރާއަށް އެކުގައި ދަތުރެއް ކުރެއްވުމަށް ނިންމެވިއެވެ. ނަމަވެސް، ރައީސް ސޯލިހު ކޮވިޑަށް ޕޮޒިޓިވްވުމުން އެ މަނިކުފާނަށް އެ ދަތުރުގައި ވަޑައެއް ނުގެންނެވުނެވެ.
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަނަށް ވަގުތު ކުޑަތަން ވެފައިވާ އިރު، ކޮމަންޑޫ ދާއިރާގައި އިންތިހާބުގެ ފޯރި ވަނީ ވަރަށް ގަދަ ވެފައެވެ.