03 Feb 2022, 13:20
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހެޑް ކޯޗުގެ މަގާމަށް ޔޫރަޕާއި އޭޝިއާގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ކޯޗު މަޔޮޑްރަގް ޖެސިކް ހަމަޖައްސައިފިއެވެ.
ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕަށް ފަހު މާޒިޔާގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން)ވަނީ މަގާމުން ވަކިކޮށްފައެވެ. ޖެސިކް މާޒިޔާގެ ކޯޗަކަށްކޮންޓްރެެކްޓްގައި ސޮއިކުރީ މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޖެސިކްގެ އިތުރުން މާޒިޔާއިން ވަނީ ސާބިއާގެ ފިޓްނަސް ކޯޗެއް ވެސް ގެނެސްފައެވެ. އެއީ ސާބިއާގެ އިތުރުން އެކި ގައުމުތަކުގައި ފުޓްބޯޅައާއި އެހެންކުޅިވަރުތަކުގައި ވެސް ފިޓްނަސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ގޯރާން ގުޒިޖާން އެވެ.
މާޒިޔާގެ ކޯޗުކަމާ ޖެސިކް ހަވާލުވުމާއެކު މިއީ ފުރަތަމަ ޑިވިޝަނުގައި މާޒިޔާއަށް ކޯޗުކޮށްދޭނެ ބިދޭސީ ތިން ވަނަ ކޯޗެވެ. މާޒިޔާއަށް މީގެ ކުރިން ފުރަަތަމަ ޑިވިޝަނުގައި ދެ ފަހަރެއްގެ މަތިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ކޯޗުކޮށްދިނެވެ. އަދި މިދިޔަ ސީޒަނުގެ މެދުތެރެއިން އެޓީމުގެ ކޯޗުކަމާ ހަވާލުވީސާބިއާގެ ރިސްޓޯ ވިޑަކޮވިޗްއެވެ.
ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި ޖެސިކް ވަނީ އީރާނާއި ޔޫއޭއީ، މޮންޓެނެގްރޯ، ޗައިނާ، ލީބިޔާ، މިޔަންމާ އަދި ސައުދީ އަރަބިއްޔާގައި ކޯޗިންގެމަސައްކަތްތަކެއް ކޮށްފައެވެ.
ކޯޗިން ކެރިއާގައި އޭނާގެ ކާމިޔާބީތަކަށް ބަލާއިރު އީރާނުގެ ސްފަޒިއޭން އަށް 2000ވަނަ އަހަރު އަރަބް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނެވެ. ސީއެސްކޭއޭ ސޯފިއާ އަށް ބަލްގޭރިއާ ލީގާއި، ކަޕް 2005 އާއި 2006 ވަނަ އަހަރު ކާމިޔާބު ކޮށްދިނެވެ. އޭގެ ފަހުން ބަލްގޭރިއާގެ ލިޓެކްސް ލޮވެކަށްބަލްގޭރިއާ ސުޕަ ކަޕާއި ބަލްގޭރިއާ ކަޕް އޭނާ ވަނީ ކާމިޔާބު ކޮށްދީފައެވެ.
ޖެސިކް، މާޒިޔާގެ ކޯޗުކަމާ ހަވާލުވެ، އޭނާ ކުރިމަތިލާނެ ފުރަތަމަ މުބާރާތަކީ މި މަހު 16ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގެވެ. އަދި އަންނަ މެއި މަހު މާޒިޔާއިން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާނެ އެވެ.
މާޒިޔާ އިން ވަނީ ފުރަތަމަ ޑިވިޝަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. އެ ޓީމު ވަނީ ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އެފްއޭ ކަޕް ދެ ފަހަރު އަދިޕްރެޒިޑެންޓްސް ކަޕް އެއް ފަަހަރު ކާމިޔާބުކޮށްފައެވެ.