"އިންސާފުގެ ދަތުރު" ނަމުގައި މާލޭ ލޮނު ޒިޔާރަތްކޮޅުގައި އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާގެ ބައިވެރިންނަށް ލ. ފޮނަދޫ އެމްޑީޕީ އަންހުންގެ ގޮފިން އިސް ނަގައިގެން 10،000 އަށް ވުރެ ގިނަ ބޮނޑި ހިލައިދީފި އެވެ.

އެމްޑީޕީގެ ފޮނަދޫ ދާއިރާގެ ނައިބް ރައީސް އަލީ އަބްދުﷲ މިއަދު ވިދާޅުވީ އެމްޑީޕީއަށް ބޮނޑި ހިލުމުގެ މަސައްކަތުގައި އުޅުނީ އެ ރަށުގައި އެމްޑީޕީއަށް ތާއީދުކުރާ އަންހެންވެރިން ކަމަށެވެ. އެ ޕާޓީގެ ހަރުގޭގައި މިމަހުގެ ނުވަ ވަނަ ދުވަހު ފެށި ބޮނޑި ހިލުމުގެ މަސައްކަތް ނިންމާލީ ދެ ދުވަހުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރޭގެ ވަގުތެއްގައި ބޮނޑި ހިފައިގެން މާލެ އައިސް އެމްޑީޕީގެ މުޒާހަރާ މައިދާނަށް އެ ބޮނޑިތައް ފޯރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީއަށް ބޮނޑި ހިލުމުގެ އެ މަސައްކަތަކީ ފޮނަދޫ އެމްޑީޕީ މެންބަރުންގެ އެއްބާރުލުމާއެކު ކޮށްފައިވާ މަސައްކަތެއް،" ނައިބް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފޮނަދޫން ފޮނުވި ބޮނޑިތައް ރޭގެ ވަގުތެއްގައި ލިބިފައިވާއިރު އިތުރު ރަށަކުން ވެސް ބޮނޑި ހިލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.