ކުޑަހުވަދޫ ދާއިރާއަށް ވައުދުވެފައި ހުރި ކަންކަން ކުރިއަށް ނުދާކަމަށް އެ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވެއްޖެއެވެ.

އާމިރު މިއަދު "ސަން"އަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި އެ ދާއިރާއަށް ވައުދުތައްވީ ނަމަވެސް ކަންކަން ކުުރިއަށް ނުދާ ކަމަށެވެ. ނަމަވެސް އެ ބަޔާނުގައި ރަނގަޅު ބައެއް ކަންކަން ވެސް ރައީސް ފާހަގަ ކުރެއްވި ކަމަށް އާމިރު ވިދާޅުވިއެވެ.

"ރިޔާސީ ބަޔާނުގައި އެބައޮތް ވިދާޅުވެފައި އިނާޔަތްތައް ބޮޑުކުރުމަށް. އަބަދުވެސް ކޮންމެ ބަޔަކު ވެސް މިއުޅެނީ ލިބޭ އާމްދަނީކޮޅު މަދުވެގެން. އެހެންވީމަ އިތުރުކުރަން ބުނާ ކޮންމެ ކަމަކީ އުފާވެރިކަން އާއިލާތަކަށް ލިބޭނެކަމެއް،" އާމިރު ވިދާޅުވިއެވެ.

މީގެ އިތުރުން، އާމިރު ވިދާޅުވީ މި ދައުރުގައި ކުޑަހުވަދޫ ދާއިރާއަށް ވެފައިހުރި ވައުދުތަކުގެ ތެރެއިން އެއްވެސް ޕަސެންޓެއް ހިނގަމުން ނުދާ ކަމަށެވެ.

"ބާކީ އޮތް ދުވަސްތަކުގައި ކޮންމެވެސް ކަމެއް ވާނެކަމުގެ އުންމީދުގައި މި ތިބީ،" އާމިރު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހު ބޮޑުވެގެން ދާނެ ކަމަށް ވިދާޅުވެފައެވެ.

އެ ބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލައި 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.