މުދައްރިސުންގެ މުސާރައަށް 56 ޕަސެންޓުގެ ކުރިއެރުމެއް ދިނުމަކީ މީގެ ކުރިން ތާރީހު ނުދެކޭ ފަދަ ބޮޑު ބަދަލެއްކަމަށް ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ.ހަމީދު ވިދާޅުވީ މިއީ މުދައްރިސުންނަށް ހައްގު ކުރިއެރުމެއް ކަމަށެވެ.

މި ބަދަލުގެ ސަބަބުން ގާބިލު ދަރިވަރުން ކިޔަވައިދިނުމުގެ ދާއިރާ ހިޔާރުކުރުމަށް އިތުރަށް ޝައުގުވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑރ.ހަމީދު ވިދާޅުވީ މިއީ ހުނަރުވެރި، ތައުލީމީ ޖީލެއް ބިނާކުރުމަށް ކޮށޭ މަގެއް ކަމަށެވެ.

މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މުދައްރިސުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ.

މި ވައުދު ފުއްދުމުގެ ގޮތުން އަންނަ މެއި މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑު ކުރަން ނިންމައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން، މި ބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ދާދި ފަހުން އެމްއެންޔޫއިން ވަނީ ކިޔަވައި ދިނުމުގެ ދާއިރާއަށް ނުކުންނަ ޒުވާނުން މަދުވާ ސަބަބުތައް ހޯދުމަށް ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި ދީފައިވާ ލަފާތަކުގެ ތެރެއިން ފުރަތަމަ ދެ ލަފާ ގުޅެނީ މުސާރައާއެވެ.

އެ ދެ ލަފަޔަކީ، މުދައްރިސުންނަށް އެހެން ދާއިރާތަކެކޭ ވެސް އެއްފަދައިން އިތުރުގަޑީގެ ފައިސާ ދިނުމާއި، ކިޔަވައިދިނުމަކީ ބޮޑު މުސާރަ ލިބޭ މަސައްކަތަކަށް ހެދުމެވެ.