03 Feb 2022, 09:52
ރަށުގައި ހުރެގެން މަސްތުވާތަކެއްޗަށް ފަރުވާ ހޯދޭނެ ނިޒާމެއް މި އަހަރު ތެރޭގައި ފަހިކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލަ އިތުރަށް ގޯސްވެގެން ދިޔަ ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިއަކީ ބޮޑު ފަހަތެއް އޮންނަ، އިންތިޒާމްވެ ގުޅިގެން ހިންގާ ބައިނަލްއަގުވާމީ ބޮޑު ވިޔަފާރިއެއް ކަމަށާއި އެ ދޮރުތައް ބަންދުކޮށް އެ ވިޔަފާރި ހުއްޓުވުމަކީ އިންތިހާއަށް ގޮންޖެހުން ބޮޑު ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް އެ މީހުން ހުއްޓުވުމަށް ސަރުކާރުން ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެެހެން ނަމަވެސް ދޫވެފާ ހުރި ގޮށްތައް ބާރުކޮށް، ހުޅުވާ ދޮރުތައް ބަންދުކޮށް، އެމީހުން ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނަން. ކަމާބެހޭ ޓާސްކް ފޯސް އެކުލަވާލެވި، ކުރަން ޖެހޭ ކަންކަން ސަރުކާރުން މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މި ގެނައި ބަދަލުގެ ހެޔޮނަތީޖާ ފެންނާނެ،" ރައީސް ވިދާޅުވިއެވެ.
ޑްރަގާ ގުޅުންހުރި ކުށްތަކަށް ފަރުވާ ބޭނުންވާ ފަރާތްތަށް ގިނަކަން ފާހަގަކުރެވޭ ސަރަހައްދުތަކުގައި ފަރުވާގެ މަރުކަޒުތަށް އަލުން ފަށައިފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ އަމިއްލަ ރަށުގައި ހުރެ، އެ ފަރުވާ ލިބޭނެ ނިޒާމެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ނިޒާމުގެ ތެރެއިން ރަށު ކައުންސިލާއި ސިއްހީ މަރުކަޒުގެ ބެލުމުގެ ދަށުން ރަށުގައި ހުރެގެން ފަރުވާހޯދޭނެ ކަމަށެވެ. އަންނަ އޭޕްރިލް މަހުގެ ތެރޭގައި މިކަން ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫ ސިޓީ ހުޅުމީދޫގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް މިހާރު ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"ފަސްދޮޅޮސް މީހުންގެ ޖާގައިގެ މި މަރުކަޒުން ފަރުވާ ފަށައިގަތުމުގެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ހިނގަމުން. ޖަލުގައި ބަންދު ކުރެވިފައިވާ ގައިދީންނަށް އަމާޒުކުރެވޭ މުޅިން އާ ރިހެބިލިޓޭޝަން ޕްރޮގްރާމެއް މި ފެބްރުއަރީ މަހު ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގެ ފުލުހުންނާއި ކަސްޓަމްސްއާ ކަމާގުޅޭ މުއައްސަސާތަކުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ މިދިޔަ ތިން އަހަރު ކަމަށެވެ.
އެ މުއްދަތުގައި ތަފާތު 330 އޮޕަރޭޝަނަކުން ޖުމްލަ 1.3 ޓަނަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި އެތަކެތީގެ މަގުމަތީ އަގު 1.2 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.