އައްޑޫ ސިޓީ ތަރައްގީ ނުކުރެވި، މާލެ ސިޓީ ތަރައްގީ ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ވިދާޅުވީ ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއް ފެށެން ޖެހޭނީ އައްޑޫއިން ކަމަށެވެ.

"ދިވެހިރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއް ފެށޭ ފާހަގަ އަބަދުވެސް ޖެހެނީ އައްޑޫއިން. އައްޑޫ ސިޓީ ތަރައްގީ ނުވެ ރާއްޖެ ތަރައްގީއެއް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫ ތަރައްގީ ކުރުމަށް މި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން ރައީސް ވަނީ އެ މަޝްރޫއުތަކުގެ މައްޗަށް އަލި އަޅުވައިލައިފައެވެ.

އިންޑިއާ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫސިޓީގެ މަގުތައް ހަދާ، މަގުތަކުގައި ފެންބޮޑުވުން ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން އެ ސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގު އަޅާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ފަތުރުވެރިކަމަށް ބޭނުންވާ ބިން ހިމެނޭހެން، އައްޑޫގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް 236.5 ހެކްޓަރުގެ ބިން އައްޑޫގައި ހިއްކާނެ ކަމަށެވެ. އަދި ހަމައެހެންމެ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މިއާއެކު އަހަރަކު 5.1 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

އައްޑޫގައި ހިނގަމުންދާ މި މަޝްރޫއުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ހަރަދުވާނެ ކަން ރައީސް ފާހަގަކުރެއްްވިއެވެ.