03 Feb 2022, 09:43
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށުން، މިފްކޯ ވަކި ކުރުމަށް ނިންމައިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން އިއުލާނުކުރެއްވީ، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރިޔާސީ ބަޔާނުގައި ފާއިތުވި އަހަރަކީ މިފްކޯއަށް އެންމެ ގިނައިން މަސް ކިރައިފައިވާ އަހަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު ބޮޑުވާނެ ކަމަށެވެ.
އެއަށް ފަހު މިފްކޯއިން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް ކަމަށާއި ދުނިޔޭގެ ބާޒާރުގައި ބޮޑު އަގު ލިބޭ ނަމަ މިފްކޯއަށް ގަންނަ މަހުގެ އަގު ބޮޑު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، އަމިއްލަ ފައި މައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގައި މިފްކޯ އިރާދަކުރެއްވިއްޔާ ބަދަލުވެގެންދާނެ. މިފްކޯގެ ކެޕޭސިޓީ އިތުރުކުރާ ވާހަކަ މިދިޔަ ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ވާނީ ހާމަކޮށްފަ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މަސްވެރިން ބާނާ މަސް ފިނިކޮށް ބެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން، 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް މިއަހަރުތެރޭގައި 59 މިލިއަން ރުފިޔާގެ ލުއި ލޯނު ދޫކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިފްކޯއިން ވަނީ މިދިޔަ އަހަރު 58،350.309 ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 901 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެގޮތުން އެންމެ ގިނައިން މަސްވެރިންނަށް ފައިސާ ދޫކުރީ މިދިޔަ ޑިސެންބަރު މަހުގައެވެ. އެއީ 170 މިލިއަން ރުފިޔާއެވެ.
މިފްކޯ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހެދީ 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ ބަދަލުގެ ސަބަބުން ތިން އަހަރު ތެރޭގައި އެސްޓީއޯއަށް 450 މިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވަނީ ވިދާޅުވެފައެވެ.