03 Feb 2022, 09:39
މާލެ ރަށްވެހިންނަށް މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ނިންމައިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން އިއުލާނުކުރެއްވީ، މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭގެ ރައްޔިތުންނަށް އޮތް ދައްޗާއި ތަކުލީފު ނިހާޔަތަށް ބޮޑުވެފައިވާ ކަމަށެވެ. މިކަން ހައްލުކުރުމުގެ ގޮތުން ކުރެވޭ ކަންކަމަށް ވުރެ ދެކެވޭ ވާހަކަ ގިނަ ކަމަށް އިހުސާސް ކުރެވޭ ކަމަށެވެ.
މިކަން ހައްލުކުރުމުގެ ގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2000 ދޭނެ ކަމަށެވެ. ހަމައެހެންމެ ގިރާވަރު ފަޅު ހިއްކާ ބިމުން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.
ރިޔާސީ ދައުރު ނިމުމުގެ ކުރިން ބޯހިވާހިކަން އެންމެ ބޭނުންވެފައިވާ ރައްޔިތުންނަށް، ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވިއެވެ.
"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހި ކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ." ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް ވަނީ މާލެއިން ގޯތި ދޫކޮށްލާ މީހުންނަށް ގޯތި ދޫކުރަން ސަރުކާރުން މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށެވެ.