ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދެމުން އަންނަ އިނާޔަތް ބޮޑު ކުރަން ސަރުކާރުން ނިންމައިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މީހެއްގެ ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ މީހަކާ ދެމެދު ދެކޭ ގޮތް ބަދަލުކުރުމަކީ މާ ބޮޑު ނުކުޅެދުންތެރި ކަމެއް ކަމަށެވެ.

"ޖިސްމާނީ އުނިކަމެއް ތަޙަންމަލު ކުރަން ޖެހުމަކީ އެއްވެސް އިންސާނެއްގާ ހުންނަ އުނިކަމަކުން ވާކަމެއް ނޫން، އެއީ ތަގްދީރުގެ ނިޔާ، އަދި ދުނިޔަވީ އާދަ. ނުކުޅެދުންތެރި ކަމަކާހުރެ އަނެކާ އާ މެދު ދެކޭގޮތް ބަދަލުވެ ދެރަވަރު ކުރުމަކީ މާބޮޑު ނުކުޅެދުންތެރި ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ޖުމްލަ އަދަދާ ތަފްޞީލް އެނގޭ ގައުމީ ދަފްތަރެއް މިހާތަނަށް ވެސް އެކުލަވައިލެވިފައިވާ ނެތް ކަމަށާއި އެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެ ދަފްތަރަކީ އެ މީހުންނަށް ބޭނުންވާ ފަރުވާއާ ރީހެބިލިޓޭޝަން އަދި ތެރަޕީއާ އެހެނިހެން ޚިދުމަތްތަށް ފޯރުކޮށްދިނުމަށް އޮތް ވަޞީލަތް ކަމުގައިވާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް ބޮޑުކޮށްދިނުމަށް ނިންމައިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"[ނުކުޅެދުންތެރިކަން ހުންނަ މީހުންގެ] ދަފްތަރު ނިންމައި، މި އަހަރުގެ ފަހު ކުއާޓާގައި
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑު ކުރުމަށް އަޅުގަނޑު
ނިންމައިފިން. ގައުމިއްޔަތުގެ މައިވަންތަ އުނގުގާ ކޮންމެ ދިވެއްސަކީ ވެސް ކުޅެދޭ ހަމަހަމަ ދިވެހި ދަރިއެއް،" ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭ އިނާޔަތްތައް ބޮޑުކުރުމަށް ގޮވައިލައި މިދިޔަ ޑިސެންބަރު މަހު ވަނީ ރައީސް އޮފީހަށް ހުށަހަޅައިފައެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންތަކެއް އަމިއްލައަށް އިސްނަގައިގެން، 7000 ވުރެ ގިނަ ސޮޔާއެކު ހުށަހެޅި އެ ޕެޓިޝަނުގައި އިނާޔަތުގެ އަދަދު 5000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް ވަނީ އެދިފައެވެ.