12 Mar 2012, 10:04
މިޒަމާނުގެ ޓެކްނޮލޮޖީގެ ސަބަބުން ލިބިފައިވާ އެންމެ ބޮޑު ފައިދާއަކީ އަހަރެމެންގެ ދިރިއުޅުގައި ނެތް، ނަމަވެސް އެހެން މީހުން ތަޖުރިބާ ކުރަމުން އަންނަ ކަންތައްތައް ފެނި އިވުން ކަމަށާއި ބޭރުފުށުން ފެންނަ ގޮތް ތަފާތުވިޔަސް އަހަރެމެންނަކީ ގިނަ އެއްގޮތް ކަންތައްތަކެއް ހިއްސާކުރާ ބައެއް ކަމަށް އިނގިރޭސި ރާނީ އެލިޒަބަތު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިން އިސްތިއުމާރު ކުރި 54 ގައުމު ބައިވެރިވާ "ކޮމަންވެލްތު"ގެ ގައުމުތަކުގައި ފާހަގަކުރަމުން އަންނަ "ކޮމަން ވެލްތު ދުވަހުގެ މުނާސަބާގައި ރާނީ ފޮނުއްވި މެސެޖްގައި ވަނީ" އަހަރެމެންގެ ވަށައިގެންވާ ކަންތައްތަކާއި އުޅެން ޖެހިފައިވާ ގޮތުގައި ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެންމެން ވެސް ހިއްސާކުރާ އިންސާނިއްޔަ ވަންތަކަމަކީ އެންމެން އެއްކުރާ ބާރު ކަމަށެވެ.
"އަހަރެމެންގެ ވަށައިގެންވާ ކަންތައްތަކާއި ކުރިމަތިވާ ކަންތައްތައް ވަރަށް ބޮޑަށް ތަފާތު ވެދާނެ. މިސާލަކަށް އަހަރެމެން ކައިބޮއިއުޅޭ ތަކެތި، އެހެން ނަމަވެސް އަހަރެމެން ހިއްސާކުރަނީ އެއް އިންސާނިއްޔަ ވަންތަކަމެއް، އެކަން އަހަރެމެން އެއްތަން ކުރޭ،" ރާނީގެ މެސެޖްގައިވެ އެވެ.
ރާނީ އަދި ވިދާޅުވެފައި ވަނީ އުފާވެރިކަމާއި ހިތާމައާއި ހިތްދަތިކަން ފާޅުކުރާ ގޮތް ތަފާތުވިޔަސް އެކަންތައްތައް މުޅި ދުނިޔޭގައި ވެސް އިހުސާސްކުރަނީ އެއް ގޮތަކަށް ކަމަށެވެ.
މިއަހަރުގެ ކޮމަން ވެލްތު ދުވަހުގެ ޝިއާރު "ކަނެކްޓިން ކަލްޗާސް" ]ސަގާފަތްތައް ގުޅުވުން[އަކީ ތަފާތު ގައުމުތައް އެކުވެގެން އުފެދިފައިވާ މުޖުތަމައެއްގެ ގޮތުން ލިބިފައިވާ ފުރުސަތުތަކެއް ކަމަށް ވެސް ރާނީ ވިދާޅުވެފައިވެ އެވެ.
"އަހަރެމެން މިހާރު ވެސް ހިއްސާކުރާ ކޮމަންވެލްތު ސިޓިޒަންޝިޕްގެ އިތުރުން ސަގާފަތްތައް ގުޅުވާލުމުން އަހަރެމެންގެ މެދުގައި ކުރިއަށް ވުރެ ބޮޑަށް ގާތްކަން އުފެދި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އާއިލާގެ މީހުންނާއި ރަހުމަތްތެރިންނަށް އަހަރެމެން ވާނެ،" ރާނީގެ މެސެޖްގައިވެ އެވެ.