ގެވެށި އަނިޔާގެ ޝިކާރައަށް ވާ ފަރާތްތަށް ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް، މަރުކަޒުތަކެއް ގާއިމްކުރުމަށް ނިންމައިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ މި ކަމަށް ޓަކައި ތިން މަރުކަޒެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ މަރުކަޒުތައް ގާއިމް ކުރާނީ ރ. އުނގޫފާރާ، ހުޅުމާލެ އަދި ސ. ހިތަދޫ މަރުކަޒުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ ދައުލަތުގެ ބެލުމުގެ ދަށުގާ ތިބޭ ކުދިންގެ ރައްކާތެރިކަމާއި ދެވޭ ޚިދުމަތް ހަރުދަނާކުރުމަށް އިސްކަން ދޭން ޖެހޭ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދަައުލަތުގެ ބެލުމުގެ ދަށުގާ ކުދިން ބޭތިއްބުމުގެ ހުރިހާ އިންތިޒާމެއް ވެސް އަލުން މުރާޖާކޮށް ހަރުދަނާ ކުރަމުން އަންނަ ކަމަށެވެ.

"ތިބޭ ތަނާއި އެ މާހައުލާއި، ހިނގާފާނެ ކަމެއްގެ މައްޗަށް ތިންވަނަ ލޮލެއް ބޭނުންވޭ، ވިލިމާލެ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލެ ފިޔަވަތިން އަތޮޅުތަކަށް ބަދަލުކުރެވުނު ކުދިންނަށް އިޖްތިމާޢީ ޢާއިލީ ވެއްޓެއް ހޯދާދިނުގެ ފިޔަވަޅުތަކެއް ސަރުކާރުން މިދަނީ އަޅަމުން. ކުުރިން ތިބި ގޮތަށްވުރެ ހިތްހަމަޖެހޭ ރަނގަޅު ރައްކާތެރި ގޮތްތައް އެ ކުދިންނަށް މި ގެންދަނީ ހޯދައި ދެމުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވެވިއެވެ. އަދި ސިޔާސީ އަދި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭ ކަން ފާހަގަކުރެއްވިއެވެ.