މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލޭގައި އިތުރު 2000 ހައުސިން ޔުނިޓު މި އަހަރު އަޅަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިކަން ހާމަކުރެއްވީ މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭގެ ރައްޔިތުންނަށް އޮތް ދައްޗާއި ތަކުލީފު ނިހާޔަތަށް ބޮޑުވެފައިވާ ކަމަށެވެ. މިކަން ހައްލުކުރުމުގެ ގޮތުން ކުރެވޭ ކަންކަމަށް ވުރެ ދެކެވޭ ވާހަކަ ގިނަ ކަމަށް އިހުސާސް ކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިކަން ފާހަގަކުރައްވައި، ރައީސް އިތުރަށް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މި އަހަރު އިތުރު 2000 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައިި ފެށިގެން ދާނެ ކަމަށެވެ.

"މިއަދު އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މިދިޔަ އަހަރު މިތާހުރެ ދެންނެވި 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ހުޅުމާލޭގާ ކުރިއަށްދާ ވާހަކަ. އަދި އިތުރު 2،000 ހައުސިން ޔުނިޓުގެ މަސައްކަތް ހުޅުމާލޭގާ ފެށޭނެ ވާހަކަ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭ ރައްވެހިންނަށް ގޯތި ދޫކުރަން ނިންމައިފައިވާކަން ވެސް ރައީސް އިއުލާނު ކުރެއްވެވިއެވެ.

ރައީސް ވިދާޅުވީ މާލޭ ރަށްވެހިންނަށް ހާއްސަކޮށްގެން ފަސް ހާސް ގޯތި ދޫކުރުމަށް ނިންމައިފައިވާ ކަމަށެވެ. އެއީ ހުޅުމާލެއިން މަދުވެގެން 1000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2000 ގޯތީގެ އިތުރުން ގިރާވަރު ފަޅު ހިއްކާ ބިމުން ދޫކުރާނެ 2000 ގޯއްޗެވެ.

ރިޔާސީ ދައުރު ނިމުމުގެ ކުރިން ބޯހިވާހިކަން އެންމެ ބޭނުންވެފައިވާ ރައްޔިތުންނަށް، ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވިއެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހި ކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ." ރައީސް ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް އަލި އަޅުވައިލައި، ރައީސް ވިދާޅުވީ އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫޢުގެ ދަށުން ޖުމްލަ 2180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގައި ހިނގަމުން އަންނަ ކަމަށެވެ.

ހަމައެހެންމެ ގެދޮރުވެރިޔާ ލޯނުގެ ގޮތުގައި 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ވެސް ހިނގަމުން އަންނަ ކަން ފާހަގަކުރެއްވިއެވެ.