03 Feb 2022, 09:18
އަންނަ މެއި މަހު، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން އިއުލާނުކުރެއްވީ، މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ ދަރިން ބިނާކުރާ އެދުރުން ކަމަށް ވީހިނދު އެ މީހުންނަށް އެކަށީގެންދާ އުޖޫރައެއް ދިނުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ.
މި ވައުދު ފުއްދުމުގެ ގޮތުން، އަންނަ މެއި މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑު ކުރަން ނިންމައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން، މި ބަދަލާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12،628 ރުފިޔާ އިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
ޓީޗަރުންގެ މުސާރައަށް އަންނަ ކުރިއެރުމަކީ 56 ޕަސެންޓުގެ އިތުރުވުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ތައުލީމީ ދާއިރާ ތަރައްގީކޮށް، ކުރިއެރުވުމަށް ފާއިތުވީ އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ނިމިދިޔަ އަހަރު 4082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާ ތަމްރީނުގެ އިތުރުން 20 ޕްރިންސިޕަލަކަށް މާސްޓާސް ފެންވަރަށް ތަމްރީންވުމަށް ރާއްޖެއިން ބޭރަށް ފޮނުވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މި މަސައްކަތް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށެވެ.
ހަމައެހެންމެ ސުކޫލުތައް އެއް ދަންފަޅިއަށް ބަދަލު ކުރުމަށް ޓަކައި ކުރަން ޖެހޭ އުމްރާނީ މަސައްކަތްތައް ވެސް ސަރުކާރުން ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
"މި ދައުރުގައި 23 ސްކޫލެއް އެއްދަން ފަޅިއަށް މުޅިން އަލަށް ބަދަލު ކުރެވިއްޖެ، ނިމިދިޔަ އަހަރު 22 ސްކޫލެއްގާ 117 ކްލާސް ރޫމާ 6 މަލްޓިޕަރޕަސް ހޯލް ޢިމާރާތްކޮށް
ނިންމުނު އަދި އިތުރު 55 ސްކޫލެއްގާ 473 ކްލާސްރޫމާ 27 މަލްޓިޕާޕަސް ހޯލްގެ މަސައްކަތް އެ ދަނީ ހިނގަމުން. މި ކަމަށް ޖުމްލަ 941 މިލިއަން ރުފިޔާ ހޭދަވާނެ،" ރައީސް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަވުމުގެ ޝަކުވާއަކީ އަބަދު ވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. އެކަން ހައްލުކުރުމުގެ ގޮތުން، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ.