ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް އިތުރުން 720 ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލެވިގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢަކީ އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން ކަމަށެވެ.

"[ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ] އެކަށީގެންވާ ތަޢުލީމާ ތަރުބިއްޔަތުގެ ފުރުޞަތު ފަހިވެފައި އޮތުން. އިންސާނީ ވަޞީލަތް ފައްކާވެ ، އަރާ އަރަފޯދުމަށް ވުރެ ބޮޑު ރަނގަޅެއް ގައުމަކަށް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން މިހާތަނަށް ގިނަ ދަރިވަރުންނަށް މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށެވެ. އަދި ސަރުކާރުން ހިންގަމުން އަންނަ ފްރީ ޑިގްރީ ސްކީމްގެ ނަތީޖާ "ވަރަށް ފޮނިކަން" ރައީސް ފާހަގަކުރެއްވިއެވެ.

"މި ޕްރޮގްރާމްގެ ތެރެއިން 127,2 ދަރިވަރުން މިހާރުވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައި. އަދި މިގޮތުގާ ކުރިއަށްއޮތް 2023 ގެ ނިޔަލަށް 5،000 އަށް ވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން ޤައުމު ބިނާކުރުމަށް ނުކުންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މަތީތައުލީމުގެ އުސް ހަރުފަތަކީ ހުސްވާ އެއްޗެއް ނޫން ކަމަށާއި ރާއްޖެއިން ބޭރުން ތައުލީމު ހާސިލް ކުރަން ބޭނުންވާ ގިނަ ދަރިވަރުންތަކަކަށް އެ ފުރުސަތު ވެސް ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށެވެ.

"ރާއްޖޭން ބޭރުން މަތީ ތަޢުލީމް ހާސިލްކުރަން ބޭނުންވާ ފަސް ހާހަށްވުރެ ގިނަ ދަރިވަރުންނަށް 2021 ވަނަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯން ދޫކުރިން. މިކަމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް ސަރުކާރުން އިސްކަން ދިނިން،" ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ އަންނަ ހަފްތާގެ ހޯމަ ދުވަހު، މިފަދަ އިތުރުން 720 ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާ ތަކުން ދިވެހި ޕްރޮފެޝަނަލުން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"މިގޮތުން މިހާރުވެސް ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 124 ދަރިވަރުންނަށް
ވަނީ ލޯން ދޫކުރެވިފައި، 1150 ޕްރޮފެޝަނަލުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އައި.ސީ.ޓީ އަދި އެކައުންޓިން ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް މި މަހުން ފެށިގެން ކުރިއަށް ދާނެ،" ރައީސް ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން ރާާއްޖޭގެ އެކި ސަރަހައްދުގާ ޓިވެޓް ސެންޓަރު ތަކާ ޖޫނިއަރ ކޮލެޖް އަދި ޕޮލިޓެކްނިކް ޤާއިމު ކުރުމުގެ މަސައްކަތް ހިންގަމުން އަންނަ ކަމުގައި ރައީސް ވިދާޅުވިއެވެ.

"ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް އަދި ރ. އަލިފުށީ ޓިވެޓް ސެންޓަރ ބިނާކުރުމުގެ މަސައްކަތް މިއަހަރު ހިނގާނެ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާ ތުލުސްދޫގެ ޕޮލިޓެކްނިކް، ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރު ވަނީ އިޢުލާންކުރެވިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމަށް ޓަކައި ބިނާކުރެވޭ އެންމެ ވަރުގަދަ އުސް ބިނާ އަކީ، ބިނާ ކުރެވޭ ހެދިހުރި ދިވެހި އިންސާނާ ކަމަށެވެ.