03 Feb 2022, 09:09
މާތްވެގެންވާ އިސްލާމްދީނާއި، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤުލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުސަތެއް ނުދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަހަރަށް މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރިޔާސީ ބަޔާން ފައްޓަވަމުން ރައީސް ސޯލިހު ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ހަނދާން އާ ކުރައްވައި، އެ ދުވަހު ރައްޔިތުންނަށް ޓަކައި، ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅަކީ މިސާލެއް ކަމަށް ސިފަ ކުރައްވައިފައެވެ.
ރައީސް ވިދާޅުވީ އެ ދުވަހު ހާމަވެގެން ދިޔައީ ހަރުކަށި ފިކުރު ރާއްޖޭގައި އާލާވެފައިވާ މިންވަރު ކަމަށެވެ.
"މުޖްތަމަޢުގެ ތެރެއަށް ހަރުކަށި ފިކުރު މޫލާފައިވާ ފުންމިން، ދީނުގެ ނަމުގާ ހިންގާ ނުރައްކާތެރި އަދި އަނިޔާވެރި ޢަމަލުތައް އެނގި ހާމަވީ އެފަދަ ޢަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމާ ބުރަކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެކަން ހައްލުކުރުމުގެ ގޮތުން އެ ނަމުގައި މީހުންގެ ފުރާނައާ މުދަލަށް ގެއްލުންދޭ މީހުންނަށް، އިސްލާމްދީނުގެ ޞައްހަ ޢަޤީދާ ހާމަކޮށްދިނުމަށް ޓަކައި، ދީނީ ޢިލްމުވެރިންގެ އެހީގައި، "ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން" މި އަހަރު ކުރިއަށް ގެންދަން ފަށާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ ދިވެހިންގެ އަމާން ސުލްހަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާއި ހަތުރުވެރިކަމާއި އަދާވާތްތެރިކަމަކަށް ވެރިވެ، ނުގަނެވޭނެ ކަމަށެވެ.
ރާއްޖޭގައި ދީނީ ކަންކަން ކުރިއެރުވުމަށް ފާއިތުވެގެން ދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަން ރައީސް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުން އެންމެ އިސްކަން ދިން ސިޔާސަތަކީ ވެސް، މާތްވެގެންވާ އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދިވެހީންގެ ހިތްތަކުގާ އަށަގެންނެވުމަށާއި އިސްލާމީ ރިވެތި އަދަބު އަޚްލާގްގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުމަށް ކަމަށެވެ.
"މިގޮތުން، މިދިޔަ އަހަރު ރާއްޖޭގެ 180 ރަށެއްގާ އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދިނުމާއި، އިސްލާމްދީނުގެ ރިވެތި އުސޫލުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު" ރައީސް ވިދާޅުވިއެވެ.
"އިމާމުންނާއި މުދިމުންނަށް އިސްލާމީ ތަޢުލީމުގެ ރޮނގުން ޑިގްރީ ހޯދައި ދިނުމަށް 290 މީހުން ދަނީ ތަޢުލީމީ މަރުހަލާ ފުރިހަމަ ކުރަމުން. ގުރުއާން މުދައްރިސުން ބިނާކުރުމަށް މިދިޔަ އަހަރު 599,1 މީހުން ވަނީ ތަމްރީނުކޮށް ނިމިފަ،"
މީގެ އިތުރުން ހައްޖާއި އުމްރާ އަދި ވަޤްފުގެ ކަންކަމުގެ އިތުރުން ޒަކާތާ ބެހޭ ޤާނޫނުތައް އެކުލަވައިލައި، މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ރާއްޖޭގެ އެކި ކަންކޮޅުތަކުގާ ޒަމާނީ ފަރުމާގެ އާ މިސްކިތްތަށް ބިނާ ކުރުން ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.