އެންޓިކޮރަޕްޝަން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވުމާއެކު، އެމްއެމްޕީއާރްސީ މައްސަލައިގެ ގާނޫނީ މަރުހަލާތައް ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ދަައުލަތުގެ މުދަލާ ފައިސާއަށް ޚިޔާނާތްތެރިވުމާއި ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރަމުން އަންނަ އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ބޮޑު ތަހުގީގެއް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކަމަށެވެ.

ޓޫރިޒަމަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތާއި ސަރުކާރުގެ ކުންފުނިތަކުން ހިންގި އެތައް ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ރައީސް ސޯލިހް އެ ކޮމިޝަން އުފެއްދެވީ ނޮވެމްބަރު 2018، ގަ އެވެ.

އެ މައްސަލައިގައި މިހާތަނަށް އެ ކޮމިޝަނުން ގިނަ ހޯދުންތަކެއް ހޯދައިފައިވާ ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އޭސީސީއަށް އާ މެންބަރުން އައްޔަން ކުރުމާއެކު އެ ކޮމިޝަނަށް އެ ކަންކަން ހުށަހަޅާނެ ކަމަށެވެ.

"މިހާތަނަށް ކޮމިޝަނުން ހޯދާފައިވާ ހޯދުންތައް ތަހުގީގުކޮށް ގާނޫނީ މަރުހަލާތައް ފެށުމަށް އޭސީސީއަށް ހުށައެޅުމަށް ކޮމިޝަނުން ވަނީ ނިންމާފަ. އަޅުގަނޑު އެދެނީ އަދި އުންމީދު ކުރަނީ މި އިއްޒަތްތެރި މަޖިލީހަށް ނަންތައް ފޮނުވުމުން އޭސީސީގެ މެމްބަރުން އަވަސް މުއްދަތެއްގާ ކަނޑައަޅުއްވާ ދެއްވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

އެއަށްފަހު އެ މައްސަލައިގައި ކުރަން ޖެހޭ ހުރިހާ ތަހުގީގެއް ކުރަމުން ގެންދާނީ އޭސީސީން ކަމަށް ވެސް ރައިސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވަނީ މަރު ކޮމިޝަންގެ މަސައްކަތްތައް ވެސް ފާހަގަކުރައްވައިފައެވެ. ރައީސް ވިދާޅުވީ "ކުރީގެ މަރުތަކަށް އިންސާފު ހޯދުމުގައި އުންމީދު ކުރިވަރަށް ވުރެ މާބޮޑުތަން ލަސް" ކަމަށެވެ. އަދި އެ ކަމުގައި ކުރަން ޖެހޭ މަސައްކަތް ވެސް ބޮޑުކަން ފާހަގަކުރެއްވިއެވެ.

މަރު ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ގެއްލުވައިލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހްގީގު އެއްކޮށް ނިންމާ ކޮމިޝަންގެ ހޯދުންތައް، މި އަހަރު ތެރޭގައި ރައީސަށް ހުށަހަޅާނެ ކަމަށް ކޮމިޝަނުން އަންގައިފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

"ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންގޮސްފައިވަނީ ، ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުވާލާފައިވާ މައްސަލަ. މިހާތަނަށް ކޮމިޝަންގެ ފަރާތުން 200 އަށް ވުރެ ގިނަ މީހުންނާ ސުވާލުކޮށްފި. ބޭޭރުގެ ފައިނޭންޝަލް އެކްސްޕަރޓެއްގެ އެހީގައި މާލީ މުޢާމަލާތްތައް ވަނީ އެނަލައިޒްކޮށްފައި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދާދިފަހުން ޝަރުޢީ ފުރަތަމަ މަރުހަލާ ނިމިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ރިޔާސީ ކޮމިޝަންގެ ތަހުގީގުގެ ނުނިމި އޮތް ބައި ވެސް، އަލުން ފަށައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭސީސީ މިވަގުތު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. އޭސީސީއަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 34 މީހަކު ވަނީ ކުރިމަތިލައިފައެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މިއަދު ފަށައިފައިވާއިރު، އޭސީސީއަށް ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާކޮށް ރުހުން ހޯދަން ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ.

މިދިޔަ އަހަރު މަޖިލިސް ޗުއްޓީގައި އޮއްވާ، އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަަސައްކަތް ފެށީ ކުއްލިއަކަށެވެ. އެއީ އޮޑިޓް އޮފީހުން ހެދި އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭ ޕާފޯމަންސް އޮޑިޓް ރިޕޯޓަށް ފަހުގައެވެ.

އެ މައްސަލައިގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ އޭރު އިސްތިއުފާ ނުދެއްވާ ތިބި ތިން މެންބަރުން ވަކި ކުރާށެވެ. އެ ތިން މެންބަރުން މަގާމުން އިސްތިއުފާ ދެއްވިއިރު، ކޮމިޓީގެ ނިންމުން އޮތީ މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވާފައެވެ.

އޭސީސީގެ ފަސް މެންބަރުންގެ ތެރެއިން ފުރަތަމަ އިސްތިއުފާ ދެއްވީ މުހައްމަދު ޝަކީލާއި އަލީ އަޝްރަފެވެ. އެންމެ ފަހުން އެ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު އައިޝަތު އަބްދުﷲއެވެ. އެ ތިން މެންބަރުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 27ގައެވެ.

ގާނޫނު ބުނާ ގޮތުގައި އޭސީސީގެ މެންބަރެއްގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭނެއެވެ.