12 Mar 2012, 09:40
ގއ. ގެމަނަފުށީގައި ޕޮލިހެއްގެ ދެ ކޮއްކޮއަށް ހަމަލާ ދީ ޒަހަމްކޮށްލަން ބޭނުންކުރި ވަޅި ފުލުހުން އިއްޔެ ހޯދައިފި އެވެ.
ގެމަނަފުށީ ކައުންސިލް މެންބަރު މުހައްމަދު ސޯލިހު ވިދާޅުވީ ހަތަރު އިންޗި ހުރި އެ ވަޅި ފުލުހުން ހޯދީ އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އަލީމުއްދީންގެ ގެއިން ކަމަށާއި ވަޅި ހޯދިއިރު އެ ވަޅީގައި ލޭ ވެސް ހުރި ކަމަށެވެ.
"އިއްޔެ މެންދުރު ގާތްގަނޑަކަށް 1:30 އެހާކަންހާއިރު ވިލިނގިލިން، ނިޔާމު މުހައްމަދު [މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މީހެއް] މިރަށަށް ގެނެސް އަލީމުއްދީންގެ ގޭގެ ތެރެއަށް ވެއްދުމަށް ފަހު އެގޭތެރެއިން ވަޅި ހޯދާފައި ވަނީ،" ސޯލިހު ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ވެސް މިވަގުތު ތިބީ ގއ. ވިލިގިލީ ޕޮލިސް ސްޓޭޝަންގައި ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ގެމަނަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ލާންސް ކޯޕްރަލް އިސްމާއިލް ޝަފީގު (އިއްސޭ) އަށާއި އޭނާގެ އެއްބަފާ ދެ ކޮއްކޮއަށް ހޮނޮހިރު ދުވަހުގެ ރޭ ބަޔަކު ވަޅިން ހަމަލާ ހަމަލާދިނީ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ހުއްޓުވުމާ ގުޅިގެންނެވެ. އެ ހާދިސާގައި އެކެއްގެ ބޮލަށް، އަދި އަނެއްކެ ބަނޑަށް ވަޅި ހެރިއިރު ފުލުސް މީހާއަށް އެކިވަރުގެ އަނިޔާ ކުރި އެވެ.
ފަހަކަށް އައިސް މާލެ އާއި އަތޮޅުތަކުގައި ފުލުހްނާއި ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ފުލުހުންގެ އާއިލާތަކަށް ބިރު ދެއްކުމާ ހަމަލާ ދިނުން ވަނީ އާންމު ކަމަކަށް ވެފައެވެ.