މިއަދު މާލޭގައި އަނބިމީހާގެ ގަޔަށް ވަޅިހެރި އިންޑިއާ މީހާ އޭނާގެ އަމިއްލަ ބަނޑަށް ވެސް ވަޅިހެރިކަމަށް ކޯޓުގައި ބުނެފިއެވެ.

އަނބިމީހާގެ ފަލަމަސްގަނޑަށް ވަޅިހަރައި ޒަހަމްކޮށްލިކަމުގެ ތުހުމަތުގައި ފުލުހުން މިއަދު ހައްޔަރު ކުރީ އިންޑިއާގެ ސްރިނިވަސަން ސުބްރަމަނިއެވެ. 27 އަހަރުގެ މި މީހާ ކޯޓުގައި ބުނީ ކުރި ޒުވާބެއްގެ ތެރެއިން އަނބިމީހާގެ ގަޔަށް ވަޅި ހެރުނީ ކަމަށެވެ.

އަނބިމީހާގެ ގަޔަށް ވަޅިހެރުމަށްފަހު ސްރިނިވަސަން އޭނާގެ އަމިއްލަ ބަނޑަށް ވެސް ވަޅިހަރައިފައިވާއިރު އޭނާ އެކަން ކުރީ ފުލުހުން ފެނުމުން ބިރުން ކަމަށް ސްރިނިވަސަން ކޯޓުގައި ބުނެފައިވެއެވެ.

ފުލުހުން މިއަދު ކޯޓުގައި ދިން ބަޔާނުގައި ބުނެފައިވަނީ ސީނަށް އެޓެންޑުވި ފުލުހުން އެގެއަށް ދިޔައިރު ގޭތެރޭގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށެވެ. އަދި އެގޭ ތެރެއިން ދެ ވަޅި ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ވަޅީގެ ތިލަ ނެތް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އަންހެން މީހާ ގެއިން ނެރިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ވަޅީގެ ތިލަ ނުނައްޓައެވެ. އޭރު ވެސް ތިލަ އިނީ ފައިފަލަމަސްގަނޑަށް ހެރިފައެވެ.

ފުލުހުން ކޯޓުގައި ބުނީ ސްރިނިވަސަންގެ އަނބިމީހާގެ ފަލަމަސްގަނޑުގައި ދެ ޒަހަމެއް ހުރި ކަމަށެވެ. އަދި އަންހެން މީހާގެ ފަލަމަސްގަނޑުތެރޭގައި ވަޅިއެއްގެ ތިލަ އޮތް ކަމަށް އެކްސްރޭއިން ދައްކާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ކޯޓުން މިއަދު ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކަލަށް ޓަކައި ސްރިނިވަސަން ތަހުގީގަށް 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެެވެ.

މާލޭގެ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާގެ ފަރާތުން ލިބުނު ގެވެށި އަނިޔާލިބުނުކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 6:20ހާއިރުއެވެ.

އެތަނަށް ފުލުހުން ގޮސް އަންހެން މީހާ ނެރެގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވިއެވެ. އެ ވީޑީއޯއިން ފެންނަ ގޮތުގައި އޭނާގެ ހެދުމުގެ ތިރި އޮތީ ލެއިން ތަތްތެޅިފައެވެ. އަދި އޭނާ ގެެއިން ނެރިގެން ގެންދިޔައިރު އޭނާ ރޯ އަޑު ވީޑިއޯގައި އިވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ގެވެށި އަނިޔާގެ 23 މައްސަލައެއް ހުށަހަޅާފައިވެއެވެ.