03 Feb 2022, 00:03
ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރި މެޗު ސަސްއިން ކާމިޔާބުކޮށް ސެމީ ފައިނަލްގެ އުންމީދު އައުކޮށްފިއެވެ.
މިރޭގެ މެޗުގައި ގްރީން ސްޓްރީޓްސްގެ މައްޗަށް ސަސް އިން ކުރި ހޯދީ 4-0 އިންނެވެ.
މުބާރާތުގައި ސަސް ހިމެނެނީ ގްރޫޕް އޭގައެވެ. މި ގުރޫޕްގެ އެއް ވަނަައިގައި މި ވަގުތު އޮތީ މާޒިޔާއެވެ. އެ ޓީމަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ގުރޫޕްގެ ދެވަނައިގައި އީގަލްސް އޮތީ ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. މި ގުރޫޕްގެ އެއް ވަނައިގައި މާޒިޔާ އޮތީ ލަނޑުގެ ތަފާތުންނެވެ. މާޒިޔާއަށް ފައިދާ އަށް ގޯލު ލިބިފައިވާއިރު، އީގަލްސްއަށް ލިބިފައިވަނީ ހަތް ގޯލެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ގްރީން ސްޓްރީޓްސްއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ސަސް އޮތީ ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ތިން ވަނައިގައެވެ. ހަތަރު ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ތިން މެޗުން ލިބުނީ ތިން ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ގުރޫޕްގެ ފުލުގައި ގްރީން ސްޓްރީޓްސް އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދާ މި ގުރޫޕުގައި ސެމީއަށް ދިޔުމުގެ ފުރުސަތު ތިން ޓީމަށްވެސް އެބަ އޮތެވެ. މި ގުރޫޕުގައި މާޒިޔާގެ ހުރިހާ މެޗެއް ހަމަވެފައިވާއިރު، ސަސް އަދި އީގަލްސްއަށް ބާކީ އެއް މެޗު އެބައޮތެވެ. އަންނަ ހޮނިހިރު ދުވަހުގެ ހަވީރު އީގަލްސް ނިކުންނާނީ ގްރީން ސްޓްރީޓްސް އާ ދެކޮޅަށެވެ. އެރޭގެ މެޗުގައި ސަސް ނިކުންނާނި ދަ ގްރާންޑޭ އާ ދެކޮޅަށެވެ. ސަސް އަދި އީގަލްސް އެ ދެ ތީމުގެ ފަހު މެޗުން މޮޅުވެއްޖެނަމަ، ދެ ޓިމުވެސް ސެމީ ފައިނަލަށް ދާނެއެވެ. މާޒިޔާއަށް ސެމީގެ ޖާގައެއް ޔަގީން ވާނީ އެ ދެ މެޗުން ނިކުންނަ ނަތީޖާއަކުންނެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ގްރީން ސްޓްރީޓްސްއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މިރޭގެ މެޗު ފަށައިގެން ސަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، މެޗުގެ 10 ވަނަ މިނެޓުގައި އޭރިޔާ ބޭރުން އެ ޓީމުގެ ވިޝާހް އަބްދުލް މަޖީދް ފޮނުވާލި ހަމަލާ ގްރީންގެ ކީޕަރު ޔާނިއު މަތަކުރިއެވެ. އޭގެ 3 މިނެޓު ފަހުން މެޗުގެ 13 ވަނަ މިނެޓުގައި ސަސްގެ ލަޔާން ހުސެއިން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން ސަސް އިން މެޗުގައި ލީޑު ނެގިއެވެ.
މެޗުގެ 25 ވަނަ މިނެޓުގައި ސަސްގެ އަހުމަދު ޖުމާން ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ކީޕަރު ޔަނީއު މަތަކުރިއެވެ. ސަސް އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިޝާހުއެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ސާލިފް ވަނީ ލަނޑެއް ޖަހައި އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ސަސްގެ އިޝްއާފު މުހައްމަދު ފިރާގު ރަނގަޅު ހަމަލާއެއް ފޮނުވާލި ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ގްރީން ސްޓްރީޓްސްއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ސަސް އިން ހަތަރު ވަނަ ގޯލު ޖެހީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ގްރީންގެ އޭރިއާތެެރެއިން އިޝްއާފަށް ލިބުނު ބޯޅަ ގޯލަށް އޭނާ ފޮނުވާލި ގްރީންގެ ކީޕަރުގެ އަތުގައި ޖައްސާފައެވެ. ސަސް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބި އޭގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. 83 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއް މީސަމް ފޮނުވާލި ނަމަވެސް ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސަސްގެ ޖާޒީ ނަންބަރު 14، އިޝްއާފް މުހައްމަދު ފިރާގެވެ.
މުބާރާތުގައި މާދަމާ ގްރޫޕް ބީގެ ފުރަތަަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް ނިކުންްނާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާ ދެކޮޅަށެވެ. މާދަމާރޭ މަހިބަދޫ ސްޕޯޓްސް ކްލަބް ނިކުންނާނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ.