05 Feb 2022, 08:57
"ގެއަށް ނާދެވިގެންތަ ހިތްހަމަނުޖެހިފަ ތިހުރީ؟..." އައިޒަކް މައުޟޫޢު ބަދަލުކޮށްލީ އިރަމް ހާސްކޮށްލުމުގެ މަގުސަދުގައެވެ. އޭނާގެ މަގުސަދު ހާސިލުވިކަން އެނގުނީ، އިރަމްގެ މޫނުމައްޗަށް ވެރިވި ކުލަވަރުންނެވެ.
"ދެން ނުވާނޭ މާގިނައިރެއް... ހަމަ ކުޑަކުޑަ އިރުކޮޅަކަށް ކެތްކޮށްލާ!... އަހަރެންގެ އަންހެނުން އެހާވަރުން ގެއަށް އަންނަން ބޭނުންވާކަން އެނގުނުނަމަ، ތެމިފޯވެގެންވެސް އަންނާނަން..." އައިޒަކް ލާނެތް ރާގަކަށް އެހެން ބުނެލީ، އޭނާގެ ހޫނު ނޭވާ އިރަމްގެ މޫނަށް އެޅޭހައި ގާތަށް ޖެހިލަމުންނެވެ.
********
އިރަމްގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ލަދުން ގޮސް އޭނާގެ ދެކޯތާފަތް ރަތްވިއިރުވެސް، މޫނުމަތިން ނުރުހުމުގެ އަސަރު ދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އައިޒަކަށް އެކަންވީ މަޖާކަމަކަށެވެ. އެ ސަބަބާއިހުރެ، އިރަމްއަށް ކުދި ގޯނާ ކުރުން އޭނާގެ އާދައަކަށްވިއެވެ. ގިނައިރެއްނުވެ، ލިފްޓްގެ ދޮރު ހުޅުވުނެވެ. އައިޒަކް އިރަމްއާއި ދުރަށްޖެހިލުމަށްފަހު، އަތުގައި ހިފައިގެން ނުކުތެވެ. ކުރިމަތިން ފެންނަން ހުރި ދޮރުމަތީގައި ހުއްޓިފައި، ވަރަށް ފުން ނަޒަރަކުން އޭނާ އިރަމްއަށް ބަލައިލިއެވެ.
"އަވަރ ހޯމް..." އައިޒަކް ވަރަށް ލޯބިން ބުނެލިއެވެ. "ޕާސްވޯޑަކީ، އަހަރެންގެ ވައިފްގެ އުފަންދުވަސް..."
ދުރު ބަލަހައްޓައިގެން ހުރި އިރަމްއަށް އައިޒަކްގެ މޫނަށް ބަލައިލެވުނީ އިހުތިޔާރެއް ނެތިއެވެ. އައިޒަކަށް އޭނާގެ އުފަން ދުވަސް އެހާ ހާއްސަ ހެއްޔެވެ؟ ނޫނީ އެއީ ދެއްކުންތެރިކަން ހެއްޔެވެ؟
ދޮރު ހުޅުވާލާފައި އިރަމް އެތެރެއަށް ވަންނަންދެން އައިޒަކް މަޑުކުރީ ބޭރުގައެވެ. އިރަމް ވަނުމުން، އޭނާ އެތެރެއަށް ވަދެ ދޮރު ލައްޕައިލިއެވެ.
ކުރިމަތިން ފެންނަން އޮތް ކޮރިޑޯއަށް އިރަމް ނަޒަރު ހިންގައިލިއެވެ. ހުދު ކޮރިޑޯގައި އަޅާފައިވާ ދޫލަވެސް އޮތީ ހުދުކުލައިގައެވެ. ގޭތެރޭގައި ހައްދާ ޒާތުގެ ގަސްޕޮޓުތައް އެކި ހިސާބުތަކުގައި ބަހައްޓާފައި ހުއްޓެވެ. ދޮރު ކައިރީގައި ފައިވާން ބަހައްޓަން ކުޑަ ހަރެއް ބަހައްޓާފައިވާއިރު، އޭގެ މަތީގައިވެސް ހުރީ ކުދިކުދި ގަސްޕޮޓު ބަހައްޓާފައެވެ. ފާރުތައް ފަޅުފިލުވާލާފައިވީ، ގުދުރަތީ ރީތި މަންޒަރުތައް އެކުލެވޭ ތަސްވީރުތަކުންނެވެ. ތަން ފެންނަނީ ހިތަށް ދިރުން ލިބޭފަދަ ހިތްގައިމު ގޮތަކަށެވެ. އިރަމްގެ ނަޒަރު، ގަސްޕޮޓުގެ ކައިރީގައި ބަހައްޓާފައިވާ ކެހެރިގަނޑެއްފަދަ ދެ ފައިވާނަށް ހުއްޓުނެވެ.
"މައި ބިއުޓިފުލް ވައިފްއަށް ރަތްކުލަ..." ރަތްކުލައިގެ ފައިވާން ނަގައި އިރަމްގެ ފައި ކައިރީގައި ބައިންދާލަމުން އައިޒަކް ބުނެލިއެވެ. "ރަތްކުލައާ އެންމެ ގުޅޭނީ ހުދު..."
އައިޒަކް އޭނާގެ ފައިވާންވެސް ނަގައި ތިރީގައި ބޭންދިއެވެ. އިރަމް އޭނާ އަރައިގެން ހުރި ބޫޓު ބާލައި ފައިވާނަށް އެރުމުން، އައިޒަކް ތެދުވީ، ބޫޓު ހަރަށް ލައިދީފައެވެ.
މަޑު ހިނގުމެއްގައި އިރަމް ކުރިއަށް ދިޔައެވެ. ވަކި ހިސާބަކުން އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ކުރިމަތިން ހިނގާފައި ގޮސް ނުކުމެވެނީ ސިޓިންގްރޫމަށެވެ. ގޯޅި ތެރޭގައި ދެ ކޮޓަރި ހުންނައިރު، ދެ ކޮޓަރީގެ ދޮރުވެސް ހުރީ ލައްޕާފައެވެ. އިރަމްއަށް ދާންވީ ދިމާއެއް ނޭނގުނެވެ. އައިޒަކް އިރަމްގެ ފަހަތުން ގޮސް އަތުގައި ހިފައިލިއެވެ.
"މިހާރު މިއުޅެނީ އަހަރެންގެ އަންހެނުންނަށް ގެ ތައާރަފްކޮށްދޭން..." ކުރިއަށް ހިނގައިގަންނަމުން އައިޒަކް ބުންޏެވެ.
ސިޓިންގްރޫމާއި ހަމައިން އިރަމްއަށް އިހުސާސްކުރެވުނީ އޭސީގެ ފިނިކަމެވެ. މައްޗަށް އެރެން އިން ކުޑަ ސިޑިކޮޅު ގިރާކޮށްފައި އައިޒަކް އިރަމްގެ އަތުން ދޫކޮށްލިއެވެ. އިރަމް ހައިރާންވެގެން އެކި ދިމަދިމާއަށް ބަލަން ފެށިއެވެ. ދުވަހަކުވެސް އެހާ ރީތި ގެއެއްގައި އުޅެވިދާނެކަމަކަށް އޭނާ އުއްމީދެއް ނުކުރެއެވެ.
ތަނަވަސް ސިޓިންރޫމް ފަރުމާކުރެވިފައިވީ، ކަޅާއި ހުދުންނެވެ. ސިޓިންގްރޫމުގެ މެދުގައި އެލް އަކުރެއްހެން ބަހައްޓާފައިވާ ސޯފާތައް ހުރި ހިސާބުގައި ހަމަ އެކުލައިގެ ކާޕެޓް އަޅާފައިވާއިރު، ސޯފާތަކުގެ ކުރިމަތީގައި ބަހައްޓާފައިވާ ކުޑަ ބިއްލޫރި މޭޒު ހުރީ ކަޅުކުލައިގައެވެ. މޭޒުގެ މަތީގައި ގަސްޕޮޓެއް ބަހައްޓާފައި ހުއްޓެވެ. ޓީވީ ހަރުކޮށްފައިވާ ފާރުގައި ލާފައިވަނީ ކަޅުކުލައެވެ. ދެން ހުރި ފާރުތަކުގައާއި ސީލިންގްގައި ލާފައިވަނީ މަޑު އަޅިކުލައެކެވެ. ބޮޑު ޓީވީގެ އެއް އަރިމަތީގައި، ފޮތް ހަރެއް ހަދާފައި ހުރިއިރު، ފޮތްތައް ތަރުތީބުކޮށްފައި ހުރީވެސް ތަފާތު ގޮތަކަށެވެ. ސިޓިންގްރޫމުގެ އެއްފަރާތުން، އެއް ބިތުގައި އެއްކޮށް ހުރީ ކަހާލެވޭ ދޮރެކެވެ. ދޮރުފޮތިގަނޑު ކަހާލާފައި ހުރުމުން ބޭރު އޮތީ ހާމައަށް ފެންނާށެވެ. ވަށައިގެން ހިނގޭނޭހެން ޕޭމަންޓް ހަދާފައިވާ އެތަނުގެ މެދުގައި އޮތީ، ސްވިމިންގް ޕޫލެކެވެ. ވަށައިގެންވާ ފާރުތަކުގެ ކައިރީގައި ބޮޑެތި ގަސްޕޮޓުތައް ބަހައްޓާފައިވާއިރު، ތަން ފެންނަނީ ނުހަނު ފެހިކޮށެވެ. ސިޓިންގްރޫމުގެ އަނެއް ފަރާތުން މައްޗަށް އެރޭގޮތަށް ސިޑިއެއް ހުއްޓެވެ. ސިޑީގެ އަނެއް ފަރާތުގައި ކާގެ އާއި ބަދިގެ ބައި ހުރިއިރު، އެތަނަށް ދެވެނީ، ދެ ފޫޓެއްވަރުގެ ކުޑަ ސިޑިކޮޅެއް ގިރާކުރުމަށްފަހުގައެވެ.
"ދެން އޮތީ އަހަރެންގެ އެންމެ ފޭވަރިޓް ޕްލޭސް..." އިރަމްގެ އަތަށް ފިތައިލަމުން އައިޒަކް ބުންޏެވެ.
އޭނާ އިރަމްގެ އަތުގައި ހިފައިގެން ކުރިމަތިން ފެންނަން ހުރި ސިޑިން މައްޗަށް އަރަން ފެށިއެވެ. ގަދަ އަޅިކުލައިގެ ސިޑިން ދެމީހުން އެކުގައި މައްޗަށް އެރޭނޭހައި ޖާގަ ހުއްޓެވެ. އައިޒަކް ގެންދިޔަ ކޮންމެ ދިމާއަށް އިރަމް ހިނގަމުން ދިޔައީ އެއްވެސް ދެކޮޅުހެދުމެއްނެތިއެވެ.
މައްޗަށް އައިގެން ގޮސް ނުކުމެވެނީ ޓެރެސްއަށެވެ. އިރަމް އަޖައިބުވީ، ތަނުގެ ފުރިހަމަ ކަމުންނެވެ. ޓެރެސްގެ އެއްބައި ހިޔާކޮށްފައިވާއިރު، އެބައިގެ ވަށައިގެން ބިއްލޫރިޖަހާފައި ހުރީ، ކޮންމެ ބައެއްވެސް ވަކިން ހުޅުވާލެވޭގޮތަށެވެ. އެތަނުގައި ޓީވީ ބެލުމާއި ކައްކައި ކެވޭނެ އިންތިޒާމްތައް ހަމަޖައްސާފައި ހުއްޓެވެ. އެއާއިއެކު، އިށީނުމަށް އަރާމު ސޯފާތަކާއި ގޮނޑިތައް ބަހައްޓާފައި ހުރުމުން، ހީވަނީ ކުޑަ ގެއެއް ހެންނެވެ. އެތަނުން ނުކުމެވެނީ، ޓެރެސްގެ އެންމެ ހިތްގައިމު ބަޔަށެވެ. ހިޔާނުކޮށް އޮތް ބައިގައި، ބަގީޗާ ގަސްތަކާއި، ރުއް ހިމެނޭހެން ޕޮޓުތަކެއް ބަހައްޓާފައި ހުއްޓެވެ. ގަސްތަކުގައި ތަފާތު ކުލަބޮކިތައް ހަރުކޮށްފައި ހުރުމުން، ރޭގަނޑު ތަން ފެންނާނީ ހުވަފެނީ ގޮތަކަށްކަން އިރަމްއަށް އެނގުނެވެ. ފާރު ކައިރީގައި އިށީނުމަށް ގޮނޑި ބަހައްޓާފައިވާއިރު، ބާބަކިޔު ހެދޭނެ އިންތިޒާމްވެސް ހަމަޖައްސާފައި ހުއްޓެވެ.
އިރަމް މަޑު ހިނގުމެއްގައި ގޮސް، ރެއިލިންގެ ކައިރީގައި ހުއްޓުނެވެ. ރެއިލިންގައި ހުރީ ފަސްފޫޓަށް ބިއްލޫރިޖަހާފައެވެ. ވަށައިގެން ފެންނަމުންދިޔަ އިމާރާތްތަކަށް ނަޒަރު ހިންގައިލަމުން އިރަމް ދެލޯ މަރައިލިއެވެ. މާލޭގައި އެފަދަ އަރާމުކަމެއް އޭނާއަށް އިހުސާސްވި އެއީ ފުރަތަމަ ފަހަރެވެ. އިރަމްގެ ކައިރީގައި ހުއްޓުނު އައިޒަކްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ދެލޯ މަރާލައިގެން ހުރިއިރު، އިރަމްގެ ތުންފަތުގައިވި ލުއި ހިނިތުންވުމުގެ ސަބަބުން އައިޒަކަށް އޭނާގެ މަގުސަދު ހާސިލުވެއްޖެކަމުގެ އިހުސާސް ކުރެވުނެވެ. އިރަމްއަށް އައިޒަކްގެ ހޮވުން ކަމުގޮސްފިއެވެ. އެ ނިކަމެތި އަންހެންކުއްޖާގެ އެކަނިވެރި ދިރިއުޅުން ބަދަލުކުރެވިއްޖެއެވެ.
ޖެހެމުންދިޔަ ފިނި ވައިރޯޅިތަކާއިއެކު، އިރަމްގެ ފަން އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. އޭރުވެސް އިސްތަށިގަނޑު އޮތީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ރެއިލިންގެ މަތީގައި ބާއްވާލާފައި އޮތް އިރަމްގެ އަތް މަތީގައި އައިޒަކް އޭނާގެ އަތް ބާއްވައިލިއެވެ. އިރަމްގެ އަތް ފިންޏެވެ. ފިނިވެގެން އަތުގައިވާ ލޯލިތައްވެސް ހުރީ ކޮޅަށްޖެހިފައެވެ. އިރަމްއަށް ދެއަތުގެ ހިމާޔަތް ދިނުމަށް އައިޒަކްގެ ހިތް އެދެމުން ދިޔައެވެ. އެކަމަކު، އިރަމް ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ އެ ހިތްވަރު ނުލިބިފައި އޭނާއަށް ހުރެވުނީ އެ އަންހެންކުއްޖާގެ މޫނަށް ބަލާށެވެ. އެ އޮމާން މޫނާއި ގާތްވެލުމަށް އޭނާގެ ހިތް ތަކުރާރުކޮށް އެދެމުން ދިޔައެވެ.
އިރަމްގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނަގައި ކަންފަތުގައި ޖަހަމުން އޭނާ އައިޒަކާއި ދުރަށް ޖެހިލިއެވެ.
"ކޮބާ ބޭފުޅާ ގެއަށް ދެވިއްޖެތަ؟..." ޝާލިންގެ އަޑު އިވުމުން، އިރަމްއަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބުނެވެ.
"މިއާދެވުނީ..." އިރަމް ބުންޏެވެ.
"އައްދޭ... ހާދަ ޖަވާބު ކުރޭ..." ޝާލިން ދިމާކޮށްލިއެވެ. "އަނެއްކާ ރަނގަޅު ގަޑިއެއްގަތަ މި ގުޅުނީ؟..."
"ދެން ޝާލް... އަނެއްކާ ފެށުނީއޭ..." އިރަމް ތުންކޮޅު ދަމައިލިއެވެ.
"ކިހިނެއްވީ؟... ނިއުލީ މެރީޑް ކަޕްލްސްއަށް ޑިސްޓާބްކުރާކަށް ނުވާނެދޯ..." ޝާލިން ހީގަތެވެ. "ކޮބާތަ ކަމަނާގެ ލޯބިވާ ހަޒްބަންޑް؟..."
"އެބަހުރި..." އިރަމް ތަންކޮޅެއް މަޑުން ބުނެލިއެވެ.
"އާޗާ!... ހާދަ ލޯތްބޭ..." ޝާލިން ހުރީ ދިމާކުރާ މޫޑެއްގައެވެ.
"ދެން ހެވޭ... އަބަދު ދިމާކުރާނެ ކަމެއް ނެތް..." އިރަމް ބުންޏެވެ.
"ދެން ބުނެބަލަ... ފަސްޓް އެކްސްޕީރިއަންސް ކިހިނެއް؟..." ޝާލިން އަހައިލިއެވެ.
"ދެން ޝާލް..." އަކުރުތަކަށް ދަމައިލަމުން އިރަމް ބުންޏެވެ. "ޝާލްއަށްވެސް މިދުވަސް އަންނާނެ އިނގޭ... ބަލަން ހުންނައްޗޭ އަހަރެން ދިމާކުރާވަރު..."
"އޯކޭ އޯކޭ ނިމުނީ... ކޮންއިރަކުންތަ ދެން އަހަރެން ތިގެއަށް ކާން ގެންދާނީ؟..." ކެތްމަދުވެފައިވާ ކަހަލަ ރާގަކަށް ޝާލިން ސުވާލުކުރިއެވެ.
"މިހާރުވެސް ހަމަ އަންނަންވީ..." އިރަމް ބުންޏެވެ.
"މިހާރު ގޮއްސިއްޔާ އަހަރެން ޖެހޭނީ ހުސް ފާރުތަކާ ކަންނޭނގެ ވާހަކަ ދައްކަން... ތި ދެމީހުން ލޮލަށްވެސް ފެންނާނެހެން ހީނުވޭ..." ޝާލިން އަނެއްކާވެސް ހީގަތެވެ.
"ބާއްވަނީ..." އިރަމް އިންޒާރު ދިނެވެ.
"އޯކޭ އަވަހަށް ބާއްވާ... އަހަރެން ފަހުން ގުޅާނަން..." ހިނިގަނޑު މައިތިރިކުރަމުން ޝާލިން ފޯނު ކަނޑައިލިއެވެ.
ފޯނު ނިންމައި އިރަމް ފަސްއެނބުރި ބަލައިލިއިރު، އައިޒަކް ފެންނާކަށް ނެތެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި، އިރަމް އޭނާ އާއި ތަން އަރާނޭހެން އެކި ދިމަދިމާއިން ތަސްވީރުތައް ނެގިއެވެ. ބައެއް ތަސްވީރުތައް ޝާލިންއަށް ފޮނުވިއެވެ. ކުޑައިރުކޮޅަކު އެތަނުގައި މަޑުކޮށްލުމަށްފަހު، އިރަމް ތިރިއަށް ދިޔައީ، އޭނާގެ ސޯސަލް މީޑިޔާއަށްވެސް ތަނުގައި ނަގާފައިވާ ތަސްވީރެއް ދޫކޮށްލުމަށްފަހުގައެވެ.
ސިޓިންގްރޫމުންވެސް އައިޒަކް ފެންނަން ނެތުމުން އިރަމް ގޮސް ކޮޓަރިތެރެއަށް ބޯ ދިއްކޮށްލައި އެތެރެ ބަލައިލިއެވެ. އައިޒަކް ހުރީ ފެންވަރައިގެން ނުކުމެ، ސޯޓު ލާށެވެ. އިރަމް ސިހިފައި ކުއްލިއަކަށް ހަށިގަނޑު ސީދާކޮށްލިއެވެ. ބާރުބާރަށް ހިނގާފައި އޭނާ ގޮސް ސިޓިންގްރޫމުގައި ދެކޮޅަށް ހިނގަން ފެށިއެވެ.
"މައިގޯޑް..." އިރަމް އޭނާގެ މޭގައި އަތް ޖައްސައިލިއެވެ.
އޭނާގެ ހިތުގެ ތެޅުން އޭރުވެސް ހަމައަކަށް ނޭޅެއެވެ. އައިޒަކް އެއްޗެހި ބަދަލުކުރަނީ ދޮރުވެސް ނުލައްޕާ ހެއްޔެވެ؟ އިރަމް ބަލައިލި ތަން އައިޒަކަށް ފެނިދާނެތީވެސް އޭނާ ހުރީ، ބިރުންނެވެ. އައިޒަކް ހީކުރާނީ، އޭނާ ސިއްރުން ބަލަނީ ކަމަށޭ އިރަމްގެ ހިތަށް އެރިއެވެ.
ހަމައެކަނި ސޯޓުކޮޅުގައި އައިޒަކް ނުކުތީ، ހުސްގަޔާ ހުރެގެންނެވެ. އޭނާގެ އަތުގައި ޓީޝާޓެއް އޮތެވެ. އިރަމް އެތެރެ ބަލައިލިތަން އައިޒަކަށް ރީތިކޮށް ފެނުނެވެ. އިރަމް ސިހުނުގޮތުން އައިޒަކް ހުރީ މަޖާވެފައެވެ.
ސޯފާގައި އިށީނދެލައިގެން އިން އިރަމްއަށް އައިޒަކް ފެނުމުން، ފުންމައިގެން ތެދުވިއެވެ. ކޮންމެ ގޮތަކަށް އުޅެންވެސް އައިޒަކަށް ފަސޭހަ ހެއްޔެވެ؟ އައިޒަކާއި ހަތަރުކަޅި ހަމަކުރަންވެސް އޭނާއަށް އުނދަގޫވިއެވެ. ޓީޝާޓު ހިފައިގެން އައިޒަކް ގޮސް އިރަމްގެ ކުރިމަތީގައި ހުއްޓުނެވެ. ކުޑަކޮށް ގުދުވެލައި އިސްޖަހައިގެން ހުރި އިރަމްގެ މޫނަށް ބަލައިލިއެވެ.
"ސިއްރުން ބަލަނީ ކީއްވެ؟..." އައިޒަކް އަހައިލިއެވެ.
އިރަމްގެ ދެލޯ ބޮޑުވިއެވެ. އޭނާ ލަދުން ހަލާކުވާއިރު، އައިޒަކް ލަދުވެސް ނުގަންނަނީބާއޭ އޭނާގެ ހިތަށް އެރިއެވެ.
"ދޮ.ރު ނު..ލައް..ޕާ ހުރީ..މަ..." އިރަމްއަށް ވާހަކަދެއްކުނީ ކޮށަކޮށައިގެންނެވެ.
"ތީ އަހަރެންގެ ވައިފްއޭ..." އިރަމްގެ ނޭފަތުގައި ދެއިނގިލިކުރިން ހިފައިލަމުން އައިޒަކް ބުނެލިއެވެ. "ބޭނުމިއްޔާ، އަހަރެން ފެންވަރަން ހުއްޓާވެސް ހަމަ ބަލަންވީ..."
އައިޒަކް ހީގަތުމުން އިރަމް އިތުރަށް ލަދުގަތެވެ. ލަދުން މޯޅިވަމުންދިޔަ އިރަމް އާއި ދިމާއަށް އައިޒަކް އޭނާގެ އަތުގައި އޮތް ޓީޝާޓު ދިއްކޮށްލިއެވެ. އޭރު އިރަމް ހުރީ ހިތާއިހިތުން އައިޒަކާއި ދިމާއަށް އެއްޗެހި ކިޔާށެވެ.
"ޖެހިގެން ހުރި ކޮޓަރިން އިސްތިރިކުރެވޭނެ..." އައިޒަކް ސީރިއަސްވެލިއެވެ.
ޓީޝާޓު ދަމައިގަނެގެން އިރަމް ބާރުބާރަށް ހިނގައިގަތެވެ. އައި ރުޅީގައި ޓީޝާޓު ވިރުވައިލަންވެސް އޭނާގެ ހިތަށް އެރިއެވެ. އައިޒަކް ގަސްދުގައި އޭނާ މޮޔަކޮށްލަން އުޅޭ ކަހަލައެވެ.
"ކީކޭތަ ހިތަށް އަރަނީ؟... އަހަރެން މީ ކުޅޭކުޅޭ ބުދެއްކަމަށްތަ؟..." އިރަމް އޭނާގެ އަމިއްލަ ނަފުސާއި ވާހަކަ ދައްކަމުން ދިޔައީ، އެ އަޑު އިވޭ ހިސާބުގައި އައިޒަކް ހުރިކަން ނޭނގިއެވެ.
އިސްތިރިކޮށް ނިންމާލާފައި ފަސްއެނބުރުނު ވަގުތު، ދާދި ކައިރީގައި ހުރި އައިޒަކް ފެނިފައި އިރަމް ދިޔައީ ސިއްސައިގެންނެވެ. އޭނާ ފަހަތަށް ދިޔަ ގޮތަށް އިސްތިރީގައި ޖެހުނަނުދީ ސަލާމަތްވީ، އައިޒަކް އެ އަތުގެ ބާރުގައި އިރަމް އޭނާ އާއި ދިމާއަށް ގެންދިޔުމުންނެވެ.
އިރަމް ނުވިސްނާ ހުއްޓައި އައިޒަކް އޭނާގެ މޫނާއި ދިމާއަށް ކުޑަކޮށް ގުދުވެލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ކޮށްލި ކަމަކުން އިރަމްއަށް ތެޅިގަނެވުނެވެ. އެވަރުންވެސް އައިޒަކް އިރަމް ދޫކޮށެއް ނުލިއެވެ. އައިޒަކް ދުރަށްޖެހިލީ އޭނާ ހިތްފުރޭވަރު ވުމުންނެވެ. އެ ނަޒަރު އޭރުވެސް ހުއްޓިފައިވީ، އިރަމްގެ ތުންފަތަށެވެ. އިތުރަށް އެ އަންހެންކުއްޖާ އާއި ގާތްވެލުމަށް އޭނާ ބޭނުންވެފައި ހުރި ކަހަލައެވެ. އިރަމްއަށް އޭނާގެ ތުންފަތުގައި އަތް ޖައްސައިލެވުނެވެ. ގަބުވިގޮތަށް ދެލޯ ބޮޑުކޮށްގެން އައިޒަކަށް ބަލަން އިރަމް ހުއްޓެވެ.
(ނުނިމޭ)