މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބޮއިކޮށްޓްކޮށްފިއެވެ.

މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

އެ މާއްދާގައި ވަނީ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރިކަން ހާމަކޮށް ޕީޕީއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޚުދުމުޚުތާރު، ޑިމޮކްރެސީގެ ހަމަތަކާ ބީރައްޓެހި، ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކާލާފައިވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ބައިވެރިވާން ބޭނުންނުވާ ކަމަށެވެ.

"...މިހާ ޚުދުމުޚުތާރު، ޑިމޮކްރެސީގެ ހަމަތަކާއި ބީރައްޓެހި، ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކާލާފައިވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި، އިސްވެ ދެންނެވުނު ކަންކަމާ އިހްތިޖާޖު ކުރުމުގެ ގޮތުން މި ކޯލިޝަނުން ބައިވެރިނުވާން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައިވެއެވެ.

އެ ޖަލްސާގައި ބައިވެރިނުވާން ގިނަ ސަބަބުތަކެއް އެ ޕާޓީން ވަނީ ދައްކާފައެވެ.

އެގޮތުން ސަރުކާރުގެ ބާރާއި ނުފޫޒު ޖުޑީޝަރީއަށް ފޯރުވައި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ސަރުކާރުން ބޭނުންގޮތަކަށް ކުރިއަށްގެންދަން މަސައްކަތްކުރާކަމަށް ޕީޕީއެމްއިން ތުހުމަތުކުރިއެވެ.

މިނިވަން މުއައްސަސާތަކުގެ ބާރުކަނޑުވާލައި، އިންތިޚާބެއް ބޯމަތިވެފައި ވަނިކޮށް ސަރުކާރުން ކޮރަޕްޝަންގެ އަމަލުތައް ހިނަގަމުންދާކަމަށް ވެސް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

އިންތިޚާބެއް ބޯމަތިވެފައި ވަނިކޮށް ކޮރަޕްޝަންގެ އަމަލުތައް ބެލުމަށް ކަނޑައަޅާފައިވާ ކޮމިޝަނެއް ރާއްޖޭގައި ނެތުމަކީ ސަރުކާރުގެ ޚުދުމުޚްތާރުކަމާއި ޑިމޮކްރަސީއާ ބީރައްޓެހިކަން ހާމަވާ ކަމެއް ކަމަށް އެ ޕާޓީން ނެރުނު ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ އެކިއެކި ގޮތްނޭނގޭ އެއްބަސްވުންތަކެއްގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ގެއްލިފައިވާކަމަށެވެ. އަދި ރައީސް ޔާމީން އިސްވެ ހުންނަވައި އިންޑިއާ ސިފައިން މި ގައުމުން ބޭލުމަށް ގޮވާލާ ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނާ ދެކޮޅަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ތައްޔާރުވެ، އެ ކެމްޕެއިންގައި އަޑުއުފުލާ ފަރާތްތަކަށް ޖިނާއީ ދައުވާކޮށް ޖަލަށްލުމަށް ގާނޫނު ފާސްކުރަން ނިންމާފައިވާ ނިންމުމަކީ މި ސަރުކާރު އިންޑިއާއަށް އަޅުވެތިވެފައިވާ މިންވަރު އިތުރަށް ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.