ހުޅުމާލޭގެ މުނިސިޕަލްގެ ކަންކަމާ ހަވާލުވުމަށް ރައީސް އޮފީހަށް ޕްރޮޕޯސަލެއް ލުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 38 ވަނަ ރަސްމީ އާންމު ޖަލްސާގައި ވަނީ ހުޅުމާލޭ މުނިސިޕަލްގެ ކަންކަމާ ހަވާލުވުމަށް ސިޓީ ކައުންސިލުން މަޝްވަރާކޮށްފައެވެ.

މި ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ ވޯޓާއެކު ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލްގެ ހިދުމަތް ދިނުމަށް ރައީސް އޮފީހުގައި އެދުމަށް ވަނީ ނިންމާފައެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލެއަކީ މާލޭގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށެވެ.

"ލާމަރުކަޒީ ގާނޫގައި ބަޔާންކުރާގޮތުން ވިއްޔާ މާލެ ސިޓީ ކައުންސިލުން މާލޭގައިދޭ ހުރިހާ ހިދުމަތެއް ހުޅުމާލޭގައި ދޭންޖެހޭ ގޮތަށް އޮންނަނީ،" މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް ލާމަރުކަޒީ ގާނޫނުގައި އެގޮތަށް އޮތްނަމަވެސް މިއަދާ ހަމައަށް ވެސް އެ ހިދުމަތްތައް ދޭނެ ގޮތެއް ވޭތުވެދިޔަ އެއްވެސް ސިޓީ ކައުންސިލަކަށް ރޭވިފައި ނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކައުންސިލްގެ މެމްބަރުން މަގާމާ ހަވާލުވެ ހެދި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން އެ ހިދުމަތްތައް ސިޓީ ކައުންސިލުން ފޯރުކޮށްދިނުމަށް ހިމަނާފައިވާނެކަމަށެވެ.

ހުޅުމާލެ ހިމެނޭހެން މާލޭގެ ހުރިހާ ސަރަހައްދަކަށް ސިޓީ ކައުންސިލުން މުނިސިޕަލްޓީގެ ފުރިހަމަ ހިދުމަތް ދިނުމަށް ބޭނުންވާ ކަމަށް ވެސް މުއްޒު ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މާލޭ ސިޓީގެ ރައްޔިތުންވެސް އެންމެ ބޭނުންވަނީ ސިޓީ ކައުންސިލުން އެ ހިދުމަތްތައް ދިނުމަށެވެ.

ސިޓީ ކައުންސިލުން އެދުނުގޮތަށް ރައީސް އޮފީހުން އެކަން ނިންމައިދީފިނަމަ ރައްޔިތުންނަށް ނަފާވާނެ ގޮތަށް އެ ހިދުމަތް ދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ހުޅުމާލެއަށް ހިދުމަތް ދިނުމައް ސިޓީ ކައުންސިލަށް ބަޖެޓު ދީފައި ނެތުމަކީ ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި މުނިސިޕަލް ހިދުމަތްތައް މިހާރު ދެނީހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިންނެވެ.

މުނިސިޕަލްގެ ހިދުމަތްތައް ސިޓީ ކައުންސިލާ ހަވާލުކުރަން ސަރުކާރުން ބޭނުން ވިޔަސް، އެޗްޑީސީން އެގޮތް ބޭނުން ނުވާ ކަމަށާއި އެކަން ކޮށްފާނެތީ މިހާރު ވެސް އެ ކުންފުނިން ކައުންސިލަށް ދަތިކުރުމަށް އެކި މަސައްކަތް ފަށާފައިވާ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސިޓީ ކައުންސިލުން ވަނީ ހުޅުމާލޭގެ މިލްކުވެރިކަން ހޯދުމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށްފައެވެ. އެއާއެކު އެޗްޑީސީން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

އަދި އެ މައްސަލައިގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއްވެސް އެ ކޯޓުން ވަނީ ނެރެފައެވެ.