އަނބިމީހާއަށް ގެވެށި އަނިޔާކުރިކަމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ 37 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނީ މިހާތަނަށް ބެލިބެލުމުން ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ދެ މީހުން ވެސް ޒަހަމްވެފައިވާ ކަމަށެވެ. އަދި އަންހެން މީހާއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަންހެން މީހާއަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މާލޭގެ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާގެ ފަރާތުން ލިބުނު ގެވެށި އަނިޔާލިބުނުކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 6:20ހާއިރުއެވެ.

ބިދޭސީ އަންހެނަކަށް ފިރިމީހާގެ ފަރާތުން ގެވެށި އަނިޔާ ލިބިފައިވާއިރު މިދިޔަ ހަފްތާގައި ވަނީ ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެ ހާދިސާވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ގެވެށި އަނިޔާގެ 23 މައްސަލައެއް ހުށަހަޅާފައިވެއެވެ.