ވޮޝިންޓަން (02 ފެބްރުއަރީ 2022): ގަލްފުގެ އަރަބި ކުޑަ ގައުމެއް ކަމަށްވާ ގަތަރަށް އެމެރިކާގެ ސްޓްރެޓީޖިކް ބައިވެރިއެއްގެ ދަރަޖަ ދިންކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރައްވައިފިއެވެ.

ވައިޓް ހައުސްގައި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލްޘާނީ އާ ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ބައިޑެން ވިދާޅުވީ ނޭޓޯގެ ބޭރުން އެމެރިކާގެ ސްޓްރެޓީޖިކް ބައިވެރިއެއްގެ ހާލަތު ގަތަރަށް މިހާރު ދީފި ކަމުގައެވެ. ނަމަވެސް މިނިންމުމާ އެއްގޮތަށް އަމަލުކުރަން އެެމެރިކާ ސަރުކާރުން ފަށާނީ އެމެރިކާގެ ކޮންގްރެސް އިން މިނިންމުމަށް ރުހުން ދިނުމުންނެވެ. ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލްޘާނީ އެމެރިކާ އަށް ވަޑައިގެން އުޅުއްވަނީ ރައީސް ޖޯ ބައިޑެންގެ ދައުވަތަކަށެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ނަމަވެސް އަމިއްލައަށް ކަންކަން ކުރުމުގެ ގާބިލްކަން ނެތް ގަލްފުގެ އަރަބި ގައުމުތަކަކީ އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައިވާ އަދި އެމެރިކާގެ އަސްކަރީ ގިނަ ބޭސްތަކާއި މަރުކަޒުތައްވެސް ހުންނަ ގައުމުތަކެކެވެ. މީގެއިތުރުން ގަލްފުގެ އަރަބި ގައުމުތަކަކީ އެގައުމުތަކުގެ އާއިލީ ވިރާސީ ވެރިކަމުގެ ނިޒާމުތައް ދެމެހެއްޓުމަށްޓަކައި ދިފާއީ ގޮތުން އެމެރިކާއަށް ބަރޯސާވާ ގައުމުތަކެކެވެ.

މީގެތެރޭގައި ހިމެނެނީ ސައޫދީ އަރަބިޔާ، ޔޫއޭއީ، ގަތަރު، ކުވައިތު، ބަހްރައިން އަދި އުމާން އެވެ. މިއިން ކޮންމެ ގައުމަކީވެސް ގިނަ އަދަދެއްގެ އެމެރިކާ ސިފައިންނާއި އެމެރިކާގެ ބޭސްތަކާއި ހަތިޔާރުތައް ރުކުރުވާލާފައިވާ ގައުމުތަކެކެވެ.

މި ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތަކަކީ ޑިމޮކްރަސީ އާ މުޅިން ޚިލާފަށް ހިންގާ އާއިލީ ވިރާސީ ވެރިކަމުގެ ނިޒާމުތަކެއް ކަމަށްވިޔަސް އެގައުމުތަކަށް ޑިމޮކްރަސީ ގެނައުމަށް އެމެރިކާ އެއްވެސް ވަރަކަށް ބާރެއް ނާޅައެވެ. މީގެއިތުރުން މި ހަ ގައުމަކީ މެދުއިރުމައްޗާއި ގަލްފުގައި އެމެރިކާ ހަންފެތުރުމަށް ކުރާ މަސައްކަތްތަކުގައި އެމެރިކާއަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމުތަކެވެ.

ދާދިފަހުން ގަތަރުވަނީ ތާލިބާނުންގެ ހަމަލާތަކާ ގުޅިގެން އަފްޣާނިސްތާނުން ފިލުމަށް އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަންގައި އެމެރިކާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީ އަފްޣާނިސްތާނުން ފިލި އެމެރިކާގެ ސިފައިންނާއި އެމެރިކާގެ އާންމުންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ބޮޑެތި ޚަރަދުތަކެއްކޮށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. ގަލްފުގައިވާ އެމެރިކާގެ އަސްކަރީ މައި މަރުކަޒު ހުންނަނީވެސް ގަތަރުގައެވެ.

ނޭޓޯގެ ބޭރުން އެމެރިކާގެ ސްޓްރެޓީޖިކް ބައިވެރިއެއްގެ ދަރަޖަ ހޯދުމަށް ސައޫދީ އާއި ޔޫއޭއީ ވެސް މަސައްކަތްކުރާތާ އަހަރުތަކެއް ވެއްޖެއެވެ. އެދެގައުމުގެ ކުރިން މިދަރަޖަ ގަތަރަށް ދިނުމަކީ އެދެގައުމަށް ލިބިގެންދާނެ ވަރުގަދަ ފިލާވަޅެކެވެ. މިދަރަޖަ ދިނުމުން ގަތަރާ ދެކޮޅަށް 2017 ވަނައަހަރު ސައޫދީ އާއި ޔޫއޭއީ އެޅިފަދަ ހަރުކަށި ފިޔަވަޅުތައް އަލުން އަޅާކަށް އެދެގައުމަކަށް ނުކެރޭނެއެވެ. އެއީ އެމެރިކާ ރުޅިއާއި ނުރުހުން އަމާޒުވެދާނެތީއެވެ.

ނޭޓޯގެ ބޭރުން އެމެރިކާގެ ސްޓްރެޓީޖިކް ބައިވެރިންގެ ދަރަޖަ ދީފައިވާ ގައުމުތަކުގެ ތެރޭގައި ޖަޕާން، ދެކުނު ކޮރެއާ، އޮސްޓްރޭލިއާ، މިސްރު، އިސްރާއީލު، އާޖެންޓިނާ އަދި ނިއުޒިލޭންޑް ހިމެނެއެވެ. މިއީވެސް އަސްކަރީ ކަންކަމުގައާއި ބައިނަލްއަގްވާމީ ސިޔާސީ މަސްރަހުގައި އެމެރިކާ ކޮޅަށްޖެހޭ އަދި ވަށައިގެން އެނބުރޭ ސެޓަލައިޓް ގައުމުތަކެއް ގޮތަށް ހަރަކާތްތެރިވާ ގައުމުތަކެކެވެ.

މީގެތެރެއިން ޖަޕާނަކީ ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާގެ އަތްދަށުން ބަލިވެ އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާ ގައުމެކެވެ. ދެކުނު ކޮރެއާއަކީވެސް ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ދިޔަ ގައުމެކެވެ. އޮސްޓްރޭލިއާއަކީ އެމެރިކާގެ ދޮންމީހުންގެ ގިނަ ބަޔަކު ނިސްބަތްވާ އެންގްލޯސެކްސަން ދަރިކޮޅަށް ނިސްބަތްވާ އިނގިރޭސީން އުފެއްދި ގައުމެކެވެ.