12 Mar 2012, 09:16
އިނގިރޭސި ވިލާތުންނާއި ޖަރުމަނުން ރާއްޖެއަށް ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ބުނެ ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ ނަގައިފި ކަމަށް ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ލަންޑަންގައި ހުންނަވައި އަދީބު ރޭ ވިދާޅުވީ ޖާމަނީގައި ނިމުނު އައިޓީބީ ބާލިން ފެއާގެ ތެރެއިން ޖަރުމަނާއި ޔޫކޭގެ ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި އެގައުމުގެ ގިނަ މީޑިއާތަކާއި ބައްދަލުކުރި ކަމަށާއި އެ ބައްދަލުވުންތަކުގައި ރާއްޖެއަކީ ޓޫރިސްޓުންނަށް އަމާން މަންޒިލެއް ކަމުގެ ޔަގީން ކަން ހޯދައިދެވުނު ކަމަށެވެ.
"އަޅުގަނޑުމެންގެ މައިގަނޑު މެސެޖަކީ ރާއްޖެއަކީ ޓޫރިސްޓުން އައިސް ޗުއްޓީ ހޭދަކޮށްލަން އަމާން މާހައުލެކޭ. އެ ކޮންފިޑެންސް އަޅުގަނޑުމެން ހޯދަދިނީ. އަޅުގަނޑު މިދިޔަ ތިން ދުވަހު ސަރުކާރުގެ ފަރާތްތަކާއި މީޑިއާތަކާ ބައްދަލުކޮށް އެ ކޮންފިޑެންސާ، އެ މެސެޖް މިދިނީ. އޭގެން މިހާރު ރަނގަޅު ނަތީއެއް ނުކުމެއްޖެ. އެގޮތުން ޖާމަނީން ވަނީ ޓްރެވަލް އެޑަވައިޒަރީ ނަގާފައި. އަދި ޔޫކޭން ވެސް ވަނީ ނަގާފައި. އެބޭފުޅުން ވެސް ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މަސައްކަތް ކުރައްވާ،" އަދީބު ވިދާޅުވި އެވެ.
ޖަރުމަނަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަށް ޕަސެންޓް ހިއްސާ ކުރާ ގައުމެކެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 11 ޕަސެންޓް އިނގިރޭސި ވިލާތް ހިއްސާ ކުރެ އެވެ.
ރާއްޖޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމާ އެކީގައި އިނގިރޭސިވިލާތާއި ޖަރުމަނުން ވަނީ ރާއްޖެއަށް ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ބުނެ ޓްރެވަލް އެޑްވައިޒަރީ ނެރެފަ އެވެ.
މިނިސްޓަރު ވިދާޅުވީ އައިޓީބީ ފެއާއަށް ޒިޔާރަތް ކުރި ގިނ ފަރާތްތަކުން ޝަކުވާކުރީ ރިސޯޓުތަކުގެ ސްޕާ ބަންދު ކުރުމާއި ދީނީ ގޮތުން ހައްދުފަހަނަ އަޅާ ދިއުމުގެ މައްސަލަ ރާއްޖޭގައި އޮން މިންވަރާ މެދު ކަމަށެވެ. އަދި އެ ކަންތައްތަކުގެ ތަފްސީލު އެ ފަރާތްތަކަށް ދެއްވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕްރެސް ބްރީފިން ދިނީމައި ޖާމަނީގެ ނޫސްތަކުގައި ވެސް ޕޮޒިޓިވްކޮށް ހަބަރުތައް ހުރީ. މިހާރު މަޑުމަޑުން ހަމައަކަށް އެޅެމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިފަހަރުގެ އައިޓީބީ ފެއާ އަކީ ރާއްޖޭން އެންމެ ގިނަ ޑެލިގޭޓުން ބައިވެރިވި ފެއާ ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން އިންތިޒާމްކޮށްގެން އިނގިރޭސި މީޑިއާތަކަށް މައުލޫމާތު ދިނުން މިއަދު ލަންޑަންގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ.