މާލޭގައި ސައިކަލެއްގެ މަޑިދަށުން ލައްކައަކަށް ވުރެން ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ތުހުމަތަށް ކޯޓް އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކުރީ 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާގެ އަތުން ފައިސާ ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ހޯމަ ދުވަހުގެ ހެނދުނު 9:40 ކަންހާއިރު އެ ވައްކަން ހިނގީ ބުރުޒުމަގާއި ކަށިމާހިނގުމާ ގުޅޭ ކަންމަތީގައެވެ. އެ ސަރަހައްދުގައި ސައިކަލް ޕާކް ކޮށްފައި އޭގެ ވެރި މީހާ ޑީޑީ ކްލިނިކަށް ވަދެ، ނުކުތްއިރު އޭނާގެ ސައިކަލްގެ މަޑިދަށުގައި ބަހައްޓާފައި ހުރި 130،000 ރުފިޔާ ވަނީ ވަގަށް ނަގައިފައެވެ.

އެ ވައްކަން ކުރިއިރުގެ ސީސީޓީވީ ވީޑިއޯ ފުޓޭޖް މި ނޫހަށް ވަނީ ލިބިފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ވައްކަން ކޮށްފައިވަނީ މުށިކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނެކެވެ. އެ މީހާ އެ ސައިކަލް މަތީގައި ގިނައިރުތަކެއް ވަންދެން އިށީންދެ އިނދެފައި ސައިކަލްގެ މަޑިހުޅުވަނީއެވެ. އެއަށް ފަހު ކޮތަޅަކަށް ފައިސާތައް އަޅައިގެން އެ ހިސާބުން ދާއިރު އޭނާ ހުރީ މާސްކްވެސް ނާޅައެވެ.

ސައިކަލްގެ މަޑިދަށުގައި ބަހައްޓާފައިވާ ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާއިރު އެގޮތަށް މަޑިދަށުގައި އަގު ބޮޑު ތަކެއްޗާއި ފައިސާ ނުބަހައްޓަން ފުލުހުން އަބަދުވެސް އިލްތިމާސް ކުރެއެވެ. ސައިކަލްގެ މަޑިދަށުން ވައްކަން ކުރުމާއި ސައިކަލްތައް ވަގަށް ނެގުމަކީ ވެސް މާލޭގައި އާއްމު ކަމެކެވެ.