02 Feb 2022, 13:41
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްގެ ސެކިއުރިޓީއާއި ސާފުކުރުން ބަޔަކާ ހަވާލުކޮށްފިއެވެ.
ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ސެކިއުރިޓީއާއި ސާފުކުރުން އައުޓްސޯސްކޮށް އިއްޔެ ފަށާފައިވާ ކަމަށެވެ.
ހިޔާ ސެކިއުރިޓީ ހަވާލު ކޮށްފައި ވަނީ ވެށި ޕްރައިވެޓް ލިމިޓެޑާއެވެ. މިިދިޔަ މަހުގެ 31 ވަނަ ދުވަހު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށް، އިއްޔެއިން ފެށިގެން ސެކިއުރިޓީ ދޭން ފަށާފައި ވާކަމަށް އެޗްޑީސީން ބުންޏެވެ.
އެހެންކަމުން ހިޔާގެ ގްރައުންޑް ފްލޯގައި ސެކިއުރިޓީ ގާޑެއް ހުންނާނެއެވެ. އަދި ސީސީޓީވީގެ ހިދުމަތް ދޭނެއެވެ. އެޗްޑީސީން ބުނީ، 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަމުން ދާނެ ކަމަށާއި، ހުށަހަޅާ މައްސަލަތަކާއި ދިމާވާ ހާދިސާތައް ބަލާނެ ކަމަށެވެ.
ހިޔާ ފްލެޓްތައް ސާފުކުރުން ހަވާލު ކޮށްފައި ވަނީ ހަތަރު ފަރާތަކަށެވެ. އެއީ އެޗް1، އެޗް2، އެޗް3، އެޗް4 ސާފުކުރުން އެލްއެމް އެންޓަޕްރައިސަސްއަށް، އެޗް5، އެޗް6، އެޗް7، އެޗް8 ޕާލްމް ގްލޯއަށް، އެޗް9، އެޗް10، އެޗް11، އެޗް12 ކޭއެސްއޭ މޯލްޑިވްސް އަށް އަދި އެޗް13، އެޗް14، އެޗް15، އެޗް16 ސާފުކުރުން ލެރޯ އިންވެސްޓްމަންޓަށެވެ.
ހިޔާ ފްލެޓްތައް ސާފުކުރުންވެސް ހަވާލު ކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި ސާފުކުރަން ފަށާފައި ވަނީ އިއްޔެއެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 12:00އަށް ސާފުކުރުން ކުރިއަށް ދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.