އައިޖީއެމްއެޗްގެ އޯޕީޑީ ހިދުމަތް މާދަމާ ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ އޯޕީޑީގެ ހިދުމަތް ބަންދު ނަމަވެސް މާދަމާ އަވަސް ފަރުވާގެ ހިދުމަތް މެދު ނުކެނޑޭނެ ކަމަށެވެ. އަދި އަވަސް ފަރުވާގެ ހިދުމަތް 24 ގަޑިއިރު ލިބޭނެކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އައިޖީއެމްއެޗުން ވަނީ ޓެސްޓްތައް ހެދުމަށް ލޭނެގުމުގެ ހިދުމަތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގެ ލެބޯޓްރީއިން ލޭ ނެގުމުގެ ހިދުމަތް ދޭނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މާދަމާއަކީ ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހެވެ. ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވާ، ރިޔާސީ ބަޔާން އިއްވުން މާދަމާ މަޖިލީހު ތަޅުމުގައި އޮންނާނެއެވެ. އެހެންކަމުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

މި އަހަރުގެ މަޖިލިސް ހުޅުވަން ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00ގައެެވެ. އެކަމާ ގުޅިގެން އެ ސަރަހައްދުގެ މަގުތައް ބަންދުކުރަން ވެސް ފުލުހުން ވަނީ ނިންމައިފައެވެ.

މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ އަހަރުގެ ފަހު ދައުރު ނިންމައި، މިދިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ޗުއްޓީއަށް ދިއުމަށްފަހު ދައުރުން ބޭރުން ތިން ޖަލްސާއެއް ވަނީ ބާއްވައިފައެވެ.

މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރުގެ މައްޗަށެވެ.

ކޮންމެ އަހަރަކު ވެސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި އޮންނަނީ ކަނޑައަޅައިފައެވެ.