ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ގާނޫނީ ހުސްކަމެއްގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް 34 މީހަކު ކުރިމަތިލައިފިއެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މުއްދަތު ހަމަވިއިރު 34 މީހަކު އޭސީސީގެ މެންބަރުކަމަށް އެދި ކުރިމަތިލައިފައިވާ ކަމަށެވެ.

ފަސް މެންބަރުންގެ މަގާމަށް 34 މީހަކު ކުރިމަތިލައިފައިވާއިރު، އެއީ ކޮންބައެއްކަން ރައީސް އޮފީހުން ހާމަ ކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި އޮޑިޓިންގެ ދާއިރާގައި ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އަދި ޓެންޑަ ބޯޑުގައި އާއްމުން ތަމްސީލު ކުރެއްވި އިސްމާއިލް ޒަރިޔަންދު އޭސީސީގެ މެންބަރުކަމަށް ވަނީ ކުރިމަތިލައްވައިފައެވެ. އޭނާއަކީ ކޮރަޕްޝަނާ ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

މީގެ އިތުރުން، އިލެކްޝަން ކޮމިޝަންގެ ކުރީގެ މެންބަރު އަމްޖަދު މުސްތަފާއާއި އޭސީސީގެ އިންވެސްޓިގޭޓަރުންގެ ގޮތުގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ވެސް މި ފަަހަރު ކުރިމަތިލައްވައިފައިވެއެވެ.

އޭސީސީއަށް ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާކޮށް ރުހުން ހޯދަން ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. މަޖިލީހުގެ ފުރަތަމަ ޖަލްސާ މާދަމާ އޮންނައިރު، އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ބެލެވެއެވެ.

މިދިޔަ އަހަރު މަޖިލިސް ޗުއްޓީގައި އޮއްވާ، އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަަސައްކަތް ފެށީ ކުއްލިއަކަށެވެ. އެއީ އޮޑިޓް އޮފީހުން ހެދި އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭ ޕާފޯމަންސް އޮޑިޓް ރިޕޯޓަށް ފަހުގައެވެ.

އެ މައްސަލައިގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ އޭރު އިސްތިއުފާ ނުދެއްވާ ތިބި ތިން މެންބަރުން ވަކި ކުރާށެވެ. އެ ތިން މެންބަރުން މަގާމުން އިސްތިއުފާ ދެއްވިއިރު، ކޮމިޓީގެ ނިންމުން އޮތީ މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވާފައެވެ.

އޭސީސީގެ ފަސް މެންބަރުންގެ ތެރެއިން ފުރަތަމަ އިސްތިއުފާ ދެއްވީ މުހައްމަދު ޝަކީލާއި އަލީ އަޝްރަފެވެ. އެންމެ ފަހުން އެ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު އައިޝަތު އަބްދުﷲއެވެ. އެ ތިން މެންބަރުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 27ގައެވެ.

ގާނޫނު ބުނާ ގޮތުގައި އޭސީސީގެ މެންބަރެއްގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭނެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ސަރުކާރުން ނުފޫޒު ފޯރުވާ މައްސަލަ އޭސީސީއަށް ވެސް ހުށަހަޅައިފައިވާއިރު، މި ދަނޑިވަޅުގައި އޭސީސީގެ މެންބަރުން ނެތުމުން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އަންނަނީ ފާޑުކިޔަމުންނެވެ.