02 Feb 2022, 12:06
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ މާދަމާ އޮންނާތީ އެ ސަރަހައްދުގެ ބޮޑުބައެއް ބަންދުކުރަން ނިންމައިފިއެވެ.
ފުލުހުން ބުނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީބަޔާން އިއްވަވާ ޖަލްސާ މަޖިލިސްކުރާ ގޭގާއި ބާއްވަން ހަމަޖެހިފައިވަތީ އެ ސަރަހައްދުގެ މަގުތައް ބަންދުކުރަން ނިންމައިފައިވާ ކަމަށެވެ.

މީގެ އިތުރުން، ފުލުހުން ބުނީ އެ ސަރަހައްދަށް އެއްގަމު އުޅަނދުތަކަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ނުވަދެވޭނެ ކަމަށެވެ.
ފުލުހުން ބުނީ މާދަމާ 05:45އިން ފެށިގެން ޖަލްސާ ނިމެންދެން އެ ސަރަހައްދުގެ މަގުތައް ބަންދުކުރަން ހަމަޖައްސައިފައިވާ ކަމަށެވެ.
މަގުތަކުގެ އިތުރުން މި ރަސްމިއްޔާތަށް މެދުޒިޔާރަތްމަގު މަޖީދިއްޔާ ކައިރިން ފެށިގެން ދަރުމަވަންތަ ސުކޫލް ކައިރީ ޕާކިން ޒޯނާއި މަޖިލިސް އިދާރާ ކުރިމަތީ އޮންނަ ޕާކިން ޒޯނު ހުސްކުރާނެއެވެ.
މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ އަހަރުގެ ފަހު ދައުރު ނިންމައި، މިދިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ޗުއްޓީއަށް ދިއުމަށްފަހު ދައުރުން ބޭރުން ތިން ޖަލްސާއެއް ވަނީ ބާއްވައިފައެވެ.
މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރުގެ މައްޗަށެވެ.
ކޮންމެ އަހަރަކު ވެސް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި އޮންނަނީ ކަނޑައަޅައިފައެވެ.