އިންޓަރނެޓްގެ ޒަރީޢާއިން ޗައިނާ ކުރަމުންގެންދާ އިލެކްޓްރޯނިކް ޖާސޫސީ ހަރަކާތްތަކުގެ ނުރައްކާ އެމެރިކާ ސިފައިންނަށް ބޮޑުވެފައިވާ ކަމަށް ކަމާބެހޭ ޓެކްނިކަލް ރިޕޯޓެއް ބުނެފިއެވެ.

ކޮންގްރެސްގެ އެދުމަކަށް އެމެރިކާގެ "ނޯތްރޮޕް ގްރޫމަން" ގްރޫޕުން ތައްޔާރުކުރި މިރިޕޯޓް ބުނާގޮތުން އިންފޮމޭޝަން ވޯފެއަރއަކީ ޗައިނާ ސިފައިން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށާއި އިލެކްޓްރޯނިކް ޖާސޫސީ ހަރަކާތްތަކުގައި ޗައިނާވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

މިރިޕޯޓް ބުނާގޮތުން އިލެކްޓްރޯނިކް ޖާސޫސީ ހަރަކާތްތައް ޗައިނާ ސިފައިން ހިންގަމުން ގެންދަނީ އެކަމަށްބޭނުންވާ ޓެކްނިކަލް އެތަށް ހާސްބަޔަކު ތަމްރީންކޮށް ކަމާބެހޭ ސޮފިސްޓިކޭޓެޑް އާލާތްތައް ހޯދައި އިލެކްޓްރޯނިކް އިންފްރާސްޓްރަކްޗަރ ބިނާކޮށް އެކަން ލީޑްކުރުމަށް ބޭނުންވާ ކޮމާންޑްތަކާއި ކޮންޓްރޯލް ސިސްޓަމްތައް ވަރަށް ފުރިހަމައަށް ޤާއިމްކޮށްގެންނެވެ.

މިރިޕޯޓް ބުނާގޮތުން ޗައިނާ ސިފައިންގެ އިލެކްޓްރޯނިކް ޖާސޫސީ ޔުނިޓްތަކުގެ ލޯތައް 24 ގަޑީއިރު އަމާޒުކޮށްފައިވަނީ އެމެރިކާގެ އެންމެ ބުރަދަންހުރި ސްޓްރެޓީޖިކް މުއައްސަސާތަކަށާއި މަރުކަޒުތަކަށާއި އެތަންތަނުގެ ޑޭޓާ ބޭސްތަކަށެވެ.

އެމެރިކާގެ ސްޓްރެޓީޖިކް ޑޭޓާބޭސްތަކަށް އަމާޒުކޮށްގެން ހިންގަމުންގެންދާ އިލެކްޓްރޯނިކް ޖާސޫސީ ޙަރަކާތްތައް ޗައިނާ ސިފައިން މެކުހަށް ޖަހާފައިވާއިރު ޗައިނާގެ އަމިއްލަ އެތަށް ކުންފުންޏެއްވެސް އައުޓް ސޯސް ނިޒާމެއްގެ ދަށުން މިކަމުގައި ޗައިނާ ސިފައިންނަށް އެހީތެރިވަމުންދާ ކަމަށް އެމެރިކާގެ ރިޕޯޓް ބުނެއެވެ.

ޗައިނާގެ މިޙަރަކާތްތަކުގެ ބޮޑުކުޑަމިން އެމެރިކާއަށް ކުއްލިއަކަށް ވަޒަންނުކުރެވޭއިރު މިކަމުގެ ނުރައްކާ އެމެރިކާއަށް ލިބެމުންދާކަން އެނގެނީ ކުރުމުއްދަތެއްގައި އެމެރިކާގެ މައްޗަށް ޗައިނާ ހޯދަމުންދާ އިޤްތިސާދީ، ޢިލްމީ އަދި ސްޓްރެޓީޖިކް ކުރިއެރުންތަކުން ކަމަށް މިރިޕޯޓް ބުނެއެވެ.

ޗައިނާގެ ޖާސޫސީ ނުރައްކާ އެމެރިކާގެ މައްޗަށް އެންމެ ބޮޑުވެގެންދާނީ ދެޤައުމުގެ ދެމެދުގައި ޢަސްކަރީ ކުރިމަތިލުމެއް ހިނގާފަދަ ޙާލަތެއް ކުރިމަތިވެއްޖެ ހިނދެއްގައި ކަމަށާ މިއީ ވިސްނައި އެއާދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއ އެމެރިކާ އަޅަންޖެހިފައިވާ ދާއިރާއެއް ކަމަށް މި ރިޕޯޓްގައި އިންޒާރު ކޮށްފައިވެއެވެ. -- ޔޫބީއައި