02 Feb 2022, 10:24
ހުޅުމާލޭގެ ފްލެޓަކުން 1300 ޑޮލަރު (20,085 ރުފިޔާ)އަށް ވުރެ ގިނަ އަދަދަކަށް ފައިސާ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ އެ ވައްކަން ކޮށްފައި ވަނީ 113 ވަނަ ފްލެޓުން ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ލިބުނީ ރޭ ދަންވަރު ތިނެއް ޖެހި ފަހުން ކަމަށެވެ.
އެ ފްލެޓުން ޑޮލަރުގެ އިތުރުން ތިން ފޯނު ވެސް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ހިޔާ ފްލެޓްގެ ސެކިއުރިޓީ، އައުޓްސޯސްކޮށް ބަޔަކާ ހަވާލު ކޮށްފައި ވަނީ އިއްޔެއެވެ. ސެކިއުރިޓީ ހަވާލު ކޮށްފައި ވަނީ ވަށި ޕްރައިވެޓް ލިމިޓެޑާއެވެ.
ހިޔާ ފްލެޓްގެ ސެކިއުރިޓީ ހިދުމަތުގެ ދަށުން، އެތަނުގައި 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަން ހަމަޖެހިފައި ވާއިރު، ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފައި ހުންނާނެއެވެ. އަދި ގްރައުންޑް ފްލޯ އާއި ބޭސްމަންޓް ޕާކިން އޭރިއާ ބަލަހައްޓަން ސެކިއުރިޓީ އޮފިސަރެއް ހުންނާނެއެވެ.